ވެދުން ސަލާމަށް ފަހު ދަންންވަމެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. ޤާނޫނު ބުނާގޮތުން ދިވެއްސަކަށް ވަވޭނީ ވެސް މުސްލިމަކަށް ވެގެންނެވެ. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، މި ދީން ހިމާޔަތް ކުރުމަކީ މުސްލިމުންގެ އެންމެ އިސް ވާޖިބުކަމަށް ވީހިނދު މި ދީނަށް އުނިކަމެއް ލިބިދާނޭ އެންމެހާ ކަންކަމުން ދުރުހެލިވުމަށް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން މަސައްކަތް ކުރަންޖެހެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައަޅުއްވާފައިވާ، ނަފުރަތު އަމަލު ހިންގުން ހުއްޓުވުމުގެ ބައިގައި ހިމަނާފައިވާ މާއްދާތަކުގެ ސަބަބުން މި ފަސްގަނޑުގައި އިސްލާމް ދީން ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ފޫނުބެދޭވަރު ގެއްލުމެއް ލިބިދާނެ ބައެއް ކަމަށް ޤަބޫލްކުރަން ޖެހެއެވެ.
ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގެ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ އާންމުތަންތަނުގައި ވަކިމީހަކީ އިސްލާމް ދީނާއި ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. މި މާއްދާ މިހެންއޮތުމުން އިސްލާމް ދީނާއި އިދިކޮޅު ޚިޔާލުތައް ފާޅުކުރާ މީހުންނަށް ރައްދުދީ އެ މީހުންގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި، އެ ފިކުރުތަކުގެ ހަޤީޤަތް ހާމަކުރުމަށް ބަހެއް ބުނާ ހަމަ ކޮންމެ މީހަކު ކުށްވެރިވުމުގެ ދޮރު އިންތިހާއަށް ވަނީ ހުޅުވިފައެވެ. އަދި މީގެ އިތުރުން އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތްކޮށްހަދާ ސެކުއުލާ މީހުނަށް ޤާނޫނީގޮތުން ހިމާޔަތްލިބި ޤައުމު ސެކިއުލަރިޒަމްއާއި ދިމާލަށް ދިއުމަށް މަގުފަހުވެގެން ދެއެވެ.
މި ބިލުގެ ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ އިސްލާމީ އަޤީދާއާއި ގުޅުވާ މުޖުތަމަޢުގައި މީހަކާއިމެދު ނަފުރަތު އުފެއްދުމަކީ ކުށެއް ކަމަށެވެ. މި މާއްދާ މިހެން އޮތުމުގެ ސަބަބުން އިސްލާމް ދީނަށާއި ދީނުގެ ހުކުމްތަކަށް ފާޅުގައި ފުރައްސާރަ ކުރަމުންދާ މީހެއްގެ ވާހަކަ ބަޔާންކޮށް އެ މީހަކު އެ ކުރަނީ ކުފުރުގެ އަމަލެއް ކަމަށާއި އެކަން ކުރާމީހާ ކާފަރުވާނެކަމަށް ބަޔާންކޮށްދޭ މީހާގެ ކުއްވެރިވުމުގެ ފުރުޞަތުވަނީ ހުޅުވިފައެވެ. އަދި މީގެ އިތުރުން ދީނަށް ފުރައްސާރަ ކުރާ މީހާއަށް ޤާނޫނީގޮތުން ހިމާޔަތް ލިބިގެން ދިއުމެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކިއެކި ޕްލެޓްފޯމް ތަކުގައި އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަކުރާ މީހުން ގިނަވެ އެކަންކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ މި ދަނޑިވަޅުގައި މިފަދަ ބިލެއް ވުޖޫދުވެގެން އައުމަކީ ކޮންމެ މުސްލިމިކު ވެސް ކަންބޮޑުވާން ޖެހޭ ސީރިއަސް މައްސަލައެކެވެ. އަދި މި ބިލު މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ އެ ހުޅުވެނީ އެކަމަށް ޤާނޫނީ ގޮތުން ނުހަނު ތަނަވަސް ދޮރެކެވެ.
މި ބިލާއި ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގިނަ ކައުންސިލްތަކަކުން އަންނަނީ މި ބިލުގައި ހިމަނާފައިވާ ބަޔާންކުރެވި ދިޔަ ކަންތައްތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެ ބިލު އެ އޮތްގޮތަށް ފާސް ނުކުރުމަށް އެދި ބަޔާންތައް ވެސް ނެރެމުންނެވެ.
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވީހިނދު ޒިންމާތަކާއި ހަވާލުވެފައިވާ ފަރާތްތަކުގެ ވެސް އެންމެ އިސް ވާޖިބަކަށް ވާންވާނީ ދީން ހިމާޔަތް ކުރުމެވެ. ކުރާކޮންމެ ކަމެއް ބުނާ ކޮންމެ ބަހެއްވެސް ބިނާކުރަންވާނީ މި އުސޫލުގެ މައްޗަށެވެ.
މި ބިލު މިހާރު އޮތްގޮތަށް ފާސްކުރުމަށް ވޯޓް ނުދެއްވުމަށް އަޅުގަނޑު ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަބްދުލް ޤަފޫރު މޫސާގެ އަރިހުން ވަރަށް އާދޭހާއިއެކު އެދި ދަންނަވަމެވެ. އަދި މިކަމާއި ދެކޮޅުހަދައި މި ބިލު މި އޮތްގޮތަށް ފާސް ނުކުރުމަށް އެދި ހަނިމާދޫ ކައުންސިލުން ބަޔާނެއްނެރެ ހަނިމާދޫގެ ރައްޔިތުންގެ އަޑު އިއްވައި ދިނުމަށް ހަނިމާދޫ ކައުންސިލުގެ އެންމެހާ މެމްބަރުންގެ އަރިހުން އެދެމެވެ. އަޅުގަނޑުގެ ދުޢާއަކީ ދީން ހިމާޔަތް ކުރުމުގައި ތިޔަ މެމްބަރުންނަށް ސާބިތުކަން ދެއްވުމެވެ.


