މިމަހު 9 ވަނަ ދުވަހު ހަނިމާދޫން ކޮވިޑް 19 އަށް ދެބެން ޕޮޒިޓިވް ވުމާއެކު އެމީހުންނާ ބައްދަލު ވެފައިވާ މީހުން ހޯދާ ސާމްޕަލް ނެގުނެވެ. އެ ނެގި ނެގުމުގައި ހަނިމާދޫ ސިއްހީ މަރުކަޒު ފިރިހެން ޑޮކްޓަރ ވެސް ހިމެނެއެވެ.
އެ ސާމްޕަލްތަކުގެ ނަތިޖާ އައީ ޑޮކްޓަރުގެ ސާމްޕަލް ނަތިޖާ ޕޮޒިޓިވްވެގެންނެވެ. އެހާ ހިސާބުން ރަށުގައި ނުތަނަވަސްކަން އުފެދުނެވެ. ވާނީ ވެސް އެހެންތާއެވެ. އޭނާ ސާމްޕަލް ނެގުމަށްފަހު ރަށުގެ އެތަން މިތަނުގައި އުޅެފައިވެއެވެ. އެތަށް ހައިރިސްކު މީހުން ބަލާފައިވެއެވެ.
އެހާ ހިސާބުން މީހުންގެ ނުރުހުން މަރުކަޒަށް އަމާޒުވާން ފެށިއެވެ. ދެން މަރުކަޒުން ދިފާއުގައި ބަސްވެސް އިއްވި އެވެ. އެބަހުގައި ވަނީ “މި މަރުކަޒުގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ތައުޞީފް އަޙުމަދު ގެ ރެންޑަމް ސާމްޕަލް އެއް ނެގީ އެއްވެސް އަލާމާތެއް ހުރެގެންނެއް ނޫނެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި ދެމީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިމަރުކަޒުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ނެގުނު ސާމްޕަލް އެކެވެ. މީގެ ކުރިންވެސް ރެންޑަމް ސާމްޕަލް ނަގާ އެއްވެސް ބޭފުޅަކު ގޭގައި މަޑުކުރުވާފައެއް ނުވާނެއެވެ.” މިހެންނެވެ.

ނަމަވެސް ޕޮޒިޓިވް ވެފައިވާ ހުރިހާ މީހުން ބެލި ކަމަށްވަނީ އެ ޑޮކްޓަރެވެ.
މިކަންވެސް ގަބޫލު ކޮށްލައިގެން މަޑުން ހުއްޓާ “ކުޅުއްދުއްފުށީ އޮންލައިން” ގައި އޮތް “ޒުބޭދާ ވިދާޅުވީ އަލާމާތްތައް ފެނި ޓެސްޓްކުރި ދެ މީހުންވެސް ނަތީޖާ ލިބެންދެން ތިބީ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ. އޭގެފަހުން ގްރޭޑް 9 ގައި ކިޔަވާ އިތުރު ދަރިވަރަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެއަށްފަހު އެރަށު ބޯކޮށުމުގެ ހިދުމަތް ދޭ މީހަކު ރޯގާގެ އަލާމާތްތައް ހުރެގެން ނެގި ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ފާހަގަ ކުރެވި ޑޮކްޓަރާއި، ޓްރާންސްލޭޓަރުގެ އިތުރުން ރިސެޕްޝަންގައި މަސައްކަތްކުރާ ދެ ކުއްޖެގެ ސާމްޕަލް ނެގުނުކަމަށް ޒުބައިދާ ވިދާޅުވި އެވެ. އެ 4 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ޑޮކްޓަރުގެ ސާމްޕަލް އެކަންޏެވެ.” ފެނުނެވެ.

މިހާހިސާބުން އޮޅުން އަރާގޮތް ވާންފަށައިފިއެވެ. ރެންޑަމާއި ޑައިރެކްޓު އޮޅުން އަރާގޮތް ވާން ފަށައިފިއެވެ. އެހެން ކަމުން އިތުރަށް ކޮނެ ފަސްނަގާ ބަލަން ފެށީމެވެ. އިތުބާރު ކުރެވޭ ފަރާތަކުން ބުނެފައިވެއެވެ. ” މި ރަށުގެ ޑާޓާބޭސް އަދި ރަށުހާލަށް ޑޮކްޓަރުގެ ސާމްޕަލް ވާހަކަ އަޅާފައިވަނީ ޑައިރެކްޓު ކޮންޓެްކްޓެއްގެ ގޮތުގައެވެ.
އަދިވެސް އެއް ވާހަކައެވެ. މަރުކަޒުގެ މުވައްޒަފުން ސާމްޕަލް ދިނުމަށްފަހު މުޅި ރަށުގައި އެތަން މިތާ އުޅުނީ ހަމަ ރެންޑަމް ވީމަ ހެއްޔެވެ. ނުވަތަ ނެގެޓިވް ކަން ކުރިން އެގުމުން ހެއްޔެވެ. ނުނީ އެމީހުނާއި ކޮވިޑް ކައިރި ނުވާނެތީހެޔެވެ.
އާންމު ފަރުދުން 3 ވަނަ ދަރަޖައިގެ ކޮންޓެކްޓެއް ވިޔަސް 14 ޖަހާފައި މި ބާއްވަނީ ކޮން އުސޫލަކުން ހެއްޔެވެ. ކަރަންޓީން ކުރުމުގައިވެސް އެމީހުން ގެންގުޅެނީ ހިތުހުރި ގޮތެކެވެ. އެ ޝަކުވާވެސް ރައްޔިތުން ކުރާވަރެއް މަދެއް ނޫނެވެ.


