ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ވޭލްސް ކުޅުނު ދެވަނަ މެޗުގައި ތުރުކީ ބަލިކޮށް ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.
ބުދަ ދުވަހުގެރޭ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވޭލްސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވޭލްސްއިން މޮޅު އެޓޭކިންގ ގޭމެއް ކުޅުނުއިރު މެޗުގެ 6 ވަނަ މިނެޓުގައި ވޭލްސްގެ ފޯވާޑް އާރޮން ރާމްސޭއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ތުރުކީގެ ކީޕަރު އޫރްޖަން ޗަކިރް އެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައިވެސް ރާމްސީއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއްލިބި ބޭކާރުވެފައެވެ. ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ހުސްކޮށްލާފައި ރާމްސޭއަށް ދިން ބޯޅަ އޭނާ ފޮނުވާލީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އެކަމަކު މެޗުގެ 42 ވަނަ މިނެޓުގައި ވޭލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ބޭލްގެ އެހީތެރިކަމާއިއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރާމްސޭއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ވޭލްސްއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުއިރު މެޗުގެ 61 ވަނަ މިނެޓުގައި ވޭލްސްގެ ކެޕްޓަން ބޭލް ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ވެސް ބޭލަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިޔާ ތެރޭން ހުހަށްހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ތުރުކީގެ ކީޕަރު އޫރްޖަން ޗަކިރް ވަނީ ދިފާއު ކޮށްފައެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ވޭލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮސްދިނީ ޓައިލާ ރޮބާޓްސް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބޭލްގެ އެހީތެރިކަމާއިއެކުގައެވެ.
މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވޭލްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އިޓަލީ އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ. އެހެންކަމުން ސްވިޓްޒަލެންޑް ބަލިކޮށް އިޓަލީއަށް ގްރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މި މެޗުން ބަލިވި ތުރުކީ މިހާތަނަށް މެޗަކުން މޮޅުވެފައެއް ނުވެއެވެ.


