“ނަފްރަތުގެ އަމަލު ހިންގުން” މަނާކުރާ ބިލު އަނބުރާ ނެންގެވުމަށް އިލްތިމާާސްކޮށް،101 ޢިލްމުވެރިންގެ ފަރާތުން ޕެޓިޝަނެއް

ޚަބަރު އިޖުތިމާޢީ ފަހުގެ

ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ނަފްރަތުގެ ޢަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ނެންގެވުމަށް އިލްތިމާސްކުރައްވައި، 101 ޢިލްމުވެރިންގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ، އުންމަތް ހަމަ މަގަށް އެޅުވުމާއި، ހެޔޮކަންކަން މުޖުތަމަޢުގައި ޢާންމުކޮށް، ނުބައި ކަންކަން މުޖުތަމަޢުން ނައްތާލުމަކީ އިސްލާމީ ޤައުމެއްގައި އެބައެއްގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް އޮންނަ އެންމެ ބޮޑު އެއް ޒިންމާ ކަމަށެވެ. ހަމައެއާއެކު ހެޔޮކަންކަމަށް ޢަމުރުކޮށް މުންކަރާތްތައް މަނާކުރުމުގެ އެކި ދަރަޖަތަކާއި މަރުހަލާތައް ކަނޑައަޅުއްވައި، އިސްލާމީ އުންމަތުގެ އެންމެހައި އަފުރާދުންގެ މައްޗަށް ލާޒިމުވާނެ ފަދައިން ޝަރުޢު ކުރައްވައި، އެއީ އިސްލާމް ދީނުގެ އެއް އަސާސްކަމުގައި ލައްވައިފައިވަނީ ވެސް ނުބައި ކަންކަން މުޖުތަމަަޢުއިން ނައްތައިލުމަށް މަސައްކަތް ކުރުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

”ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ފަހެ އޭނާގެ އަތުން އެކަން މަނާ ކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ، ފަހެ އޭނާގެ ދުލުން އެކަން މަނާ ކުރާހުށިކަމެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާ މީހާ، ފަހެ އޭނާގެ ހިތުން އެކަން މަނާ ކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ‏.“ އިމާމު މުސްލިމު ރިވާކުރެއްވި ހަދީސެއް ޕެޓިޝަނުގައި ހިމަނައިފައިވެއެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި، މާއްދާއެއް އިތުރު ކުރުމަށް މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމަޢުގައި އިސްލާމްދީނާއި ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމަށާއި، އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވައިލައި ޢާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި، އެނޫން ޢާންމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދުވެގެން ދާނެކަން ފާހަގަކުރާ ކަމަށެެވެ.

ހަމައެހެންމެ ސެކިއުލަރ ހަރަކާތްތައް ރާއްޖޭގައި ވަރުގަދަ ކުރުމަށް މިހާތަނަށް ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި ގުޅިގެން އެކި ޖަމާޢަތްތަކުން ހިންގާ ޖަރީމާތަކާއި ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަަހަޅައިފައިވާ މައްސަލަތައް، އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ހަަޤީޤަތްކަން ދިވެހި މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބައޮތްކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

އެ ގޮތުން އެފަދަ ހާލަތުގައި ވެސް ދީނާއި ދެކޮޅު ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ޢިލްމުވެރިންނާއި، ދީނަށް ޣީރަތްތެރިކަން ހުންނަ ޢާންމުންގެ ފަރާތުން ބުނާ ބަހަކާއި ގުޅިގެން ދީނުގެ ދިފާޢުގައި ތެދުވާ މީހުންނަށް ދަޢުވާ އުފުލޭނެ ގޮތަށް އޮތުމަކީ ދީނާއި ޤައުމިއްޔަތާ ޚިލާފު ކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

”މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަޤީންކަން މަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވުނު ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެކަމުގެ ޔަޤީންކަން ޚުދު މަނިކުފާނަށް ވެސް ދެއްވެވެން ނޯންނާނެތީ އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރަން. ވީމާ މި ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލްއަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް 124ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސްކުރަން“ ޕެޓިޝަނުގައި ރައީސް ޞާލިޙަށް އިލްތިމާސްކޮށްފައިވެއެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ، ބިލުގައި ހިމެނިފައިވާ އަސާސީ ކަންކަމަކީ އެކަންކަމަށް އިސްލާހުތަކެއް ގެނެސްގެން ވިޔަސް، އިސްލާމީ މުޖުތަމަޢުއަކަށް އެއްވެސް ހާލެއްގައި އަދި އެއްވެސް މިންވަރަކަށް ކުޑަ ނަމަވެސް މަސްލަހަތެއް އެކުލެވިގެންވާ ކަންކަން ކަމުގައި ނުވާތީއާއި، އޭގެ ސަބަބުން ލިބިގެން ދާނެ ގެއްލުންތަކަކީ ފޫނުބެއްދޭވަރުގެ ކަންކަން ކަމުގައި ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިން ހެން އިއްތިފާޤުވެ ވަޑައިގަންނަވާ ކަމަށެެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި، ޢާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށްއުޅޭ ނުވަތަ ދެކޮޅު މީހަކުކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމަކީ ވެސް ކުށެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި، ޢާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ މުސްލިމަކަށް ކާފަރެއްކަމަށް ތުހުމަތުކުރުމާއެކު މީހަކާއި ދެކޮޅަށް އަނިޔާވެރިވުމަށް ގޮވައިލުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއްދޭން ރޭވުމަކީ ކުށެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދިރާސާކުރަން ފޮނުވީ އަންގާރަ ދުވަހުގައެވެ. ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ބިލާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހާއި، ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްްސްގެ ޚިޔާލު ހޯދަން ނިންމައިފައެވެ.

އޭގެ އިތުރުން ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް އިއްޔެއިން ފެށިގެން ވަނީ ފުރުސަަތު ހުޅުވައިލައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ