މުންކަރާތް ނަހީކޮށް، ނުބައި ކަންކަން ހުއްޓުވުމަކީ، ދީނީ، ގާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެއް ކަަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
” ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތް ނަހީކުރުމު”ގެ މައްޗަށް އަލުއަޅުއްވާލައްވާފައިވާ މިއަދު ހުކުރު ހުތުބާގައި ބުނީ، އިންސާނާ އުފެދުނީން ސުރެ، ޝައިޠާނާ އަކީ އޭނާގެ ދުޝްމަނެއް އަދި ނުރައްކާތެރި ހަތުރެއް ކަމަަށާއި، ޝައިޠާނާގެ ބޮޑާކަމާއި، ކިބުރުވެރިކަމުގެ ސަބަބުން، ﷲ ގެ ރަހުމަތުން އޭނާ ދުރުކުރެއްވުނު ދުވަހުން ފެށިގެން، މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތް އޭނާ ވަނީ ފަށާފަ ކަމަށެވެ.
މިއުންމަތުގެ ތެރެއިން ބަޔަކު ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި، ﷲ ނަހީކުރައްވާފައިވާ ކަންކަން ކުރަމުންދާއިރު، އެއުރެން ހެޔޮމަގަށް ގެނެއުމަކީ ވާޖިބެއް ކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ހެޔޮކަންކަމަށް އަމަރުކުރުމާއި މުންކަރާތްތައް ނަހީކުރުން މުހިންމުވަނީ އެކަމަށްޓަކައި ކަމަށެވެ. ހުކުރު ހުތުބާގައި ބުނީ ﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، މުންކަރާތެއް ކަމަށެވެ.
“ﷲ އަށް އުރެދުމަކީ މުންކަރާތެކެވެ. ދީނުގެ ޝިޢާރުތަކަށް މަލާމާތްކޮށް، ފުރައްސާރަ ކުރުމަކީ މުންކަރާތެކެވެ. އަމަން އަމާންކަން ނަގާލުމަކީ މުންކަރާތެކެވެ. ހައްޤަކާނުލައި، މީހުންގެ މުދަލަށާއި، ފުރާނައަށާއި، އަބުރަށް އަރައިގަތުމަކީ މީސްތަކުންގެ މެދުގައި މުންކަރާތެކެވެ. މީސްތަކުންގެ ތެރޭގައި މުންކަރާތްތައް އާންމުވެގެންދިއުމުން ﷲ ތައާލާ ނަބީބޭކަލުންނާއި، ރަސޫލުބޭކަލުން ފޮނުއްވަވައި، އެބައިމީހުންނަށް އިންޒާރު ކުރައްވާފައެވެ” -ހުތުބާ-
މިއުންމަތަކީ އެންމެ ހެޔޮ އުންމަތަކަށް ވެފައިވަނީ މި އުންމަތަކީ މުންކަރާތްތައް ނަހީކޮށް ހެޔޮކަންކަމަށް އަމުރުކުރާ އުންމަތަކަށް ވުމުންކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ހެޔޮކަންކަމަށް އަމުރުކުރާ މުންކަރާތްތައް ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ އަމާންކަން ނާމާކަމަށް ބަދަލުވެ ﷲގެ ކޯފާ ހައްގުވާ ކަމެއް ކަމަށެެވެ. އަދި އެކަމުގެ ސަބަބުން ދުއާ އިޖާބުވުމަށް ހުރަސް އެޅޭކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ، މުންކަރާތް ނަހީކޮށް، ނުބައި ކަންކަން ހުއްޓުވުމަކީ، ދީނީ، ގާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެއް ކަަމަށާއި، ނުބައިކަންކަން ހުއްޓުވުމަށް ފަރުދީގޮތުން މަަސައްކަތްކުރުމުގެ އިތުރުން ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީވެސް މުސްލިމް ދައުލަތެއްގެ ވާޖިބެއް ކަމަށެވެ. ކޮންމެ މުންކަރާތެއް ނަހީކުރުމުގައި ކޮންމެ މީހަކުމެ، އެ މީހެއްގެ ޒިއްމާ ދެނެގަންނަން ޖެހޭނެ ކަމަށާއި، ކޮންމެ މުއައްސަސާ އަކުން އެ މުއައްސަސާއެއްގެ ވާޖިބު އަދާކޮށް ކޮންމެ މުންކަރާތަކީ ވެސް މަނާކުރެވެން ޖެހޭނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބާރާއި އިހްތިޔާރު އޮންނަ ފަރާތްތަކަށް މުންކަރާތްތައް މަނާކުރުމުގައި ބާރުގެ ބޭނުންކުރަން ވާޖިބުވާއިރު، ގައުމުގައި ހިންގާ މުންކަރާތްތައް ސަރުކާރުން ހުއްޓުވަންޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ބާރާއި އިހްތިޔާރުނެތް ފަރާތްތަކުން ވެސް މުންކަރާތްތަކާއި ދެކޮޅަށް ވާހަކަދައްކާ ނަސޭހަތްތެރިވާން ޖެހޭނެ ކަން ހުތުބާގައި ފާހަގަކުރިއެވެ.


