އއ. ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށް، އެ މަސައްކަތް ކުރާ މާލޭ ވޯޓާ އެންޑު ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވާކަމަށާ، މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ. އަދި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެ ރަށަށް ގެންސްގޮސްފައި ވާކަމަށް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައު 6.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި އާރު.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓާ، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެއެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން، އެ ގަށުގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމު ކުރުމާއި، 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނު އެޅުމާއި ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުން ހިމެނެއެވެ. އަދި ތިން ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ގާއިމު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާ، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ނިމުމުން، ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެން ދާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 35،951،162.68 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އަދި މި މަސައްކަތް ހަވާލު ކޮށްފައި ވަނީ 22 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާ ގޮތަށެވެ.


