ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަޖަރަށް ވެއްޓި ދޭ!

ފަހުގެ ދީން

ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަޖަރަށް ވެއްޓި ދާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ބުއްދީގެ ނިއުމަތް“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ބުއްދި އަކީ ރިޒުގު ދެއްވާ ފަދައިން އެކި ވަރުވަރަށް އެކި އިންސާނުންނަށް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތް ކަމަށެވެ. އަދި ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަ ވެގެންވާ އިރު، ބުއްދިވެރިކަން ނެތް މީހާ އާއި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާމީހާގެ އެތައް ކަމެއް އުނިވެގެންދާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުތުބާގައި ބުނީ، ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނެތް ކަމަށާއި އަދި ދީންވެރިކަމާ ނުލާ ލަދުވެތިކަމެއް ނެތް ކަމަށެވެ. އަދި އެއީ އިންސާނާގެ ދުނިޔެ އާއި އާހިރަތް ބާއްޖަވެރިކޮށް ދޭ މާތް ސިފަތައް ކަމަށާއި ބުއްދިވެރިކަމާ އެކީ ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދި އަކީ އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތްތަކެއްގައްޔާއި މާތް ނަބިއްޔާގެ ސުންނަތުގައި ބުއްދީގެ މުހިއްމުކަން ބަޔާން ކުރައްވައި ހެޔޮ ގޮތުގައި ބުއްދީގެ ބޭނުން ހިފާ މީހުންނަށް ތައުރީފު ކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެން ނުވަތަ މި ޒަމާނުގެ ސައިންސުގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

އެގޮތުން ﷲ ތައާލާ، އެ ކަލާނގެ ނަބީންނާއި ރަސޫލުންނަށް ދެއްވި ބައެއް މުއުޖިޒާތަކީ މި މާއްދީ ދުނިޔޭގައި ﷲ ލައްވާފައިވާ ގުދުރަތީ އާދަ ފޫވައްޓާލައިފަނިވި ކަންކަން ކަމަށާއި އެފަދަ އެއްވެސް ކަމެއްގެ ތެދު ދޮގު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން ކަށަވަރެއް ނުކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، ބުއްދިއަކީ އިންސާނާގެ ފާރުވެރިޔާ ކަމަށާއި އޭނާގެ ކަރާމާތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި ކަމަށެވެ. އެގޮތުން ބައެއް ދަންނަބޭކަލުންނާއި ހަކީމުންގެ ކިބައިން ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ ކަމަށް އައިސްފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެ ތިން ކަމަކީ އޭނާ އަމިއްލައަށް އޭނާގެ އަމަލުތައް މުރާޖައާކޮށް ނަފުސުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި އޭނާގެ ނަފުސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަހުންނާއެކު ހޭދަކުރާ ވަގުތެވެ. އަދި މިކަންކަމަކީ ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަމަށް އިންސާނާއަށް މަގު ދައްކައިދޭނޭ ކަންކަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ، ދުނިޔޭގެ އެއްވެސް އެދުމެއް ނެތް، ބުއްދިވެރިކަމުގެ ސިފަ މަލާއިކަތުންނަށް ﷲ ދެއްވާފައިވާ ކަމަށާއި އަދި ބުއްދިވެރިކަމާ ނުލައި ދުނިޔޭގެ އެދުން ޖަނަވާރުންގެ ކިބައިގައި ލައްވާފައިވާ ކަމަށެވެ. ނަމަވެސް މި ދެބައި އިންސާނާއަށް ދެއްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެގޮތުން އެމީހެއްގެ ދުންޔަވީ އެދުމާއި ދަހިވެތިކަމުގެ މައްޗަށް ބުއްދިވެރިކަން އިސްކޮށްފި މީހާގެ ހެޔޮކަން ބޮޑުވެގެންވާ ކަމަށާއި އަދި އެ މީހެއްގެ ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުމާއި ދަހިވެތިކަން އިސްކޮށްފި މީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިދާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ބުއްދިއަކީ ނިއުމަތެއް ކަމަށާއި އެއާ މެދު އިންސާނާ އޭނާގެ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ހަޒްރަތުން ޝުކުރުވެރިވާން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ބުނީ، ބުއްދިއަށް އުނިކަން ލިބޭ ޒާތުގެ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ