ވޭލްސް ކަޓުވާލުމަށް ފަހު ޑެންމާކް ކުއާޓާއަށް

ކުޅިވަރު ފަހުގެ

ޔޫރޯ 2020 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްއިން ވޭލްސް ކަޓުވާލުމަށް ފަހު ޑެންމާކް ކުއާޓާއަށް ދަރުތުކޮށްފިއެވެ.

އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޑެންމާކް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗު ފަށައިގެން ވޭލްސްއިން ޑެންމާކުގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި އެ ޓީމުގެ ތަރި ގެރެތު ބޭލް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ޑެންމާކުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ޑޯލްބާގެވެ.

އަދި މެޗުގެ 48 ވަނަ މިނެޓް ތެރޭގައި ޑޯލްބާގް ވަނީ އިތުރު ލަނޑެއް ޖަހައި ޑެންމާކްއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ޑެންމާކުން އިތުރު ލަނޑެއް ޖެހިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯކިމް މޮއިލްއެވެ. އަދި ޑެންމާކުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މާޓީން ބްރެތުވެއިޓެވެ.

ވޭލްސްއިން މި މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 89 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހެރީ ވިލްސަންއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި މޮޅާއެކު ޑެންމާކް ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ނެދެލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ