ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
މިއީ ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވި ދިހަ ވަނަ މީހާއެވެ.
މިކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ނިޔާވީ އުމުރުން 92 އަހަރުގެ ދިވެއްސެއް ކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ، ނިޔާވެފައި ވަނީ ކޮވިޑް-19 ޖެހިގެން ދަރުމަނަވްތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިރޭ 11:54 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
މި ބަލީގައި ރާއްޖޭގައި އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ އިއްޔެ މެންދުރުއެވެ، އިއްޔެ މެންދުރު 1:50 އެހާކަންހާއިރު ނިޔާވެފައިވަނީ މި ބަލީގައި ފަރުވާދެމުން ދިޔަ އުމުރުން 43 އަހަރުގެ ޕިލިޕީންސްގެ ރައްޔިތެކެވެ.
ކޯވިޑްގައި ރާއްޖޭގައި މިހާތަނަށް ހަތަރު ދިވެއްސަކާއި 6 ބިދޭސީން ވަނީ ނިޔާވެފައެވެ. ބިދޭސީންގެ ތެރެއިން އެންމެ މީހަކު ފިޔަވާ ދެން ތިބި އެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.


