މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާގެ ހުކުރު ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިމަހުގެ އެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ލޮކްޑައުންއަށް ލުއި ދިނުމުގެ ތިން ވަނަ މަރުހަލާއާއެކު އިއްޔެގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ވަނީ ފަށައިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މާދަމާގެ ހުކުރު ނަމާދު ނުކުރާން ނިންމީ އެ ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމުން، އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތްކަމަށް ޑޮކްޓަރުން ލަފާކުރައްވަތީ އާއި އެފަދަ ހާލަތެއްގައި އަމަލުކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާއި ހަމަތަކަށް ރިއާޔަތްކުރުމަށްފަހު، އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެ ތެރޭގައި އިންސާނުންގެ ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭ ކަމަށެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގެ މާދަމާ ހުކުރުގެ ނުކުރަން ނިންމި ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށުގައި ހުކުރު ނަމާދުގެ ޖަމާއަތް ބޭއްވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.


