އާހިރަތުގައި ކެތްތެރިންނަށް ﷲ މިންވަރު ކުރައްވާފައި ދަރުމަ އާއި ސަވާބު ވަޒަނެއް ނުކުރެވޭނެ: ހުތުބާ

ފަހުގެ ދީން

އާހިރަތުގައި ކެތްތެރިންނަށް މާތް الله މިންވަރު ކުރައްވާފައި ދަރުމަ އާއި ސަވާބު އެއްވެސް މީހަކަށް ވަޒަނެއް ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”މިންވަރަށް އީމާންވުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ގަލާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށެވެ. އަދި ފިތުނައިގެ ސަބަބުން އެފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށާއި ދަތި އުދަނގޫ ކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށްވެސް ބުންޏެވެ. އަދި ބުނީ، މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާއަށް ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުތުބާގައި ބުނީ މާތް الله އީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެކަން އަބަދުމެ ހަނދާންކުރުމަކީ ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެ ކަމަށްވެސް ބުންޏެވެ.

އަދި ބުނީ، އީމާންކަން ހަރުދަނާވެ ތާޒާވުމަކީ ހިތުގެ ސާބިތުކަން ވަރުގަދަވެ، ހަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާ ކަމެއް ކަމަށެވެ.

މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް اللهގެ އިރާދަފުޅުގެ މަތިން ކަމަށާއި އަޅުތަކުން ކިތަންމެ މޮޅަށް، ކިތަންމެ ވަރަކަށް ކަންތައް ރޭވިކަމުގައި ވިޔަސް އެކަމެއް މާތް اللهގެ އިރާދަފުޅުގެ މަތިން މެނުވީ ނުހިނގާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް اللهގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އީމާންވާ އިރު، އެކަލާނގެ ޝަރުއު ކުރައްވާފައިވާ ކަންތައްތަކަށް ކިޔަމަންގަންނަން ޖެހޭނެ ކަމަށެވެ.

އެގޮތުން މާތް الله އަމުރު ކުރައްވާފައިވަ ކަންތައްތައް ދޫކޮށް ނުލައި، ހެޔޮ ކަންތަކަށް ގޮވާލުމާއި ނުބައިނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެ ކަމަށާއި އަދި އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމްކަންތައް ހަރާމްކަމުގައި ބަލައިގަނެ، ހަލާލުކަންތައް ހަލާކު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، މާތް اللهގެ ދީނަށް ނަސްރު ލިބިގެންދާނެ ކަމަށާއި އާހިރަތުގައި ބާއްޖަވެރިކަން ލިބިގެންދާނީ މުއުމިނުންނަށްކަން ޔަގީން ކުރަންޖެހޭ ކަމަށެވެ. އަދި އަބަދުވެސް އުއްމަތުގެ ބަޔަކު ހައްގުގޮތުގައި ދެމިތިބޭނެ ކަމާއި ގިޔާމަތާ ޖެހެންދެންވެސް އެމީހުން ދެރަކޮށްލައި ނިކަމެތިކޮށްލެވޭނެ ބަޔަކު ނާންނާނެ ކަމަށްވެސް ބުންޏެވެ.

މާތް الله ވަނީ ދިމާވާ މުސީބާތްތަކަށް ކެތްތެރިވުމަށް އަމުރު ކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ ހިދާޔަތާއި ފަލާހުގެ ސިއްރަކީ ކެތްތެރިކަން ކަމަށެވެ. އަދި އެކަލާނގެ އަޅުތަކުން އިމްތިހާން ކުރައްވާނެކަން އަންގަވާފައިވާ އިރު އެ އިމްތިހާނުން ކާމިޔާބު ލިބޭނީ ގަލާގަދަރަށް ރުހިގެން ތިބޭ ކެތްތެރިންނަށް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މުޅި އިންސާނިއްޔަތަށް މެދުވެރިވެފައި މިވާ ނުރައްކާތެރި ކޮވިޑް-19ގެ ހާލަތުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ގަލާގަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން ކަމަށެވެ. އަދި އީމާންކަމާއި ކެތްތެރިކަމުން ހިމާޔަތް ލިބިގެންފި ނަމަ ދުނިޔެމަތީގައި ލިބެން އޮތް ހެވެއް އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭނެ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ