ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ހަނިމާދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ފެށީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
އަދި މި މަޝްރޫއުގެ މަސައްކަތުގެ ދަށުން އައު ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ނިމިއްޖެމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫޢުގެ ދަށުން 53،522 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 31،575 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުން ހިމެނެއެވެ.
އަދި 355 މީޓަރުގެ ސަރަަައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރަށް، 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ.
2020 ވަނަ އަހަރު މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީންވަނީ އެމްޓީސީސީ އަށް ދީފައެވެ.


