ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ.ކުމުންދޫގެ އެމްޑީޕީގެ އިސް ފަރާތްތަކާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ސޯލިހު ކުމުންދޫގެ އެމްޑީޕީގެ އިސްފަރާތްތަކާ ބައްދަލުކުރައްވާ އެރަށުގެ ތަރައްޤީގެ މަސައްކަތްތަކާއި ޕާޓީގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އެގޮތުން ހިމަންދޫގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓާއި، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއާއި، ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ތައުލީމީ އަދި ސިއްހީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ބައްދަލުކުރެެއްވުމުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން އާންމުން ބައިވެރިވެފައިވެއެވެ.
ރައީސްގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސްގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.


