ހަނިމާދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވަނީ 2 މީހެއްކަން، ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 2 މީހަކު ކުރިމަތިލާފައިވާއިރު އެފަރާތްތަކުގެ ސްކްރީނިން މަރުޙަލާގެ ނަތީޖާ ޝީޓު ސިވިލް ސާވިސް ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ. އެގޮތުން، ކުރިމަތިލީ 2 މީހުންވެސް ވަނީ ޝަރުތު ހަމަވެގެން ސިލެކްޝަން ޕްރޮސެސްއަށް ޝޯޓްލިސްޓުކޮށްފައެވެ.
ހަނިމާދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވަނީ 2 މީހުންކަން ހާމަކުރިނަމަވެސް އެއީ ކޮންބައެއްކަމެއް ސިވިލް ސާވިސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. އެ ކޮމިޝަނުން ހާމަކޮށްފައިވަނީ އެމީހުންގެ އުމުރާއި އަދި އެމީހުންގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަމެވެ. ހަނިމާދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވަނީ އުމުރުން 37 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަލަށް ގެނެވުނު އިސްލާޙުގެ ދަށުން އުފައްދާފައިވާ މަޤާމެކެވެ. މި މަޤާމަށް އައްޔަނު ކުރެވޭ މީހަކީ ކައުންސިލް އިދާރާގެ އިދާރީ ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސްވެރިޔާއެވެ. މި މަޤާމުގެ އަސާސީ މުސާރައަކީ 9300 ރުފިޔާއެވެ. އަދި އޭގެ އިތުރުން އެގްޒެގެޓިވް އެލެވަންސްގެ ގޮތުގައި 6800 ރުފިޔާއާ އެކު މުޅި ޖުމްލަ 16100 ރުފިޔާއެވެ. އަދި މި މަޤާމުގައި ތިބޭ މުވަޒަފުންނަށް އިތުރުގަޑީގެ ފައިސާއެއް ނުލިބޭނެއެވެ. އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި ލިބޭނީ ސިވިލްސާވިސް މުވަޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި ޕެންޝަން ކޮންޓްރިބިއުޝަންއެވެ.


