މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާތްވާއި ޓޮނިކްތަކެއް ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ ނައްތާލާފައިވަނީ 12،013 ލީޓަރުގެ ބަނގުއާތްވާއި 3،535 ލީޓަރުގެ ޓޮނިކް ކަމަށެވެ. އަދި މި ތަކެތި ނައްތާލާފައި ވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ޖުލައި 22، 2021 ވަނަ ދުވަހުގައި ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.

ކަސްޓަމްސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ތަކެތި ނައްތާލައިފައި ވަނީ ކަސްޓްމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މި ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ. އަދި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ނައްތާލާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.


