އެމްއެންޑީއެފް ނޮދާން އޭރިޔާގެ ހެޑްކުއާޓާ އިމާރާތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ހުރި ދަނޑުބިންތައް ހުސް ކުރުމަށް ހަނިމާދޫ ކައުންސިލުން އަންގައިފިއެވެ.
މިކަމާއި ގުޅިގެން 26 ޖުލައި 2021 ގައި ހަނިމާދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ހަނިމާދޫ ކައުންސިލުން ހަނިމާދޫގައި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް މިހާރު ރަންވޭމަގާއި، އަރާމަގާއި އަދި ވަޑައިގެންމަގު ހިމެނޭ ސަރަހައްދުން ކަސްޓަމްސް އިމާރާތުގެ އިރުމަތިން ދޫކޮށްފައިވާ ދަނޑުބިންތައް 31 އޯގަސްޓް 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުސްކޮށް ނިންމުމަށް އެދޭ ކަމަށެވެ.
އެ ސަރަހައްދަކީ ނިމިދިޔަ ކައުންސިލުން ހަނިމާދޫގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ސަރަހައްދެކެވެ. މިވަގުތު ވެސް އެތަނުގައި ބައެއް ފަރާތްތަކުން ދަނޑުވެރިކަން ކުރަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް 2018 ވަނަ އަހަރު އެ ބިންތައް ދޫކޮށްފައި ވަނީ ދެއަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވިފަހުން ބިމުގެ މުއްދަތު އިތުރުކޮށްދީފައެއް ނުވެއެވެ.


