ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހަތަރު މީހަކަށް ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ދައުވާ އުފުލާފައިވަނީ އެ ހަމަލާގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ އަދުހަމް އަހުމަދު ރަޝީދުއާއި މުޖާޒް އަހްމަދު، ތަހުމީން އަހްމަދުގެ އިތުރަށް އަލީ ހައިޝަމްގެ މައްޗަށް ކަމަށެވެ.

އަދުހަމް އަހްމަދު ރަޝީދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.
މުޖާޒް އަހްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ކުށެއްކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.
ތަހުމީން އަޙްމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.
އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
ތަހުމީނު އަހުމަދުގެ މައްޗަށް ކުރާ ހަތަރު ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފަވާއިރު އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެއެވެ.
މިމައްސަލާގައި ހިމެނޭ އަދުހަމުގެ އިއުތިރާފްގެ އެއްބަސްވުމެއް ހެދިފައި އޮތުމުން މިހާރު އުދުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރަށް 5 މީހެއްގެ ތަހްގީގު މިވަގުތު ކުރިއަށްދާ ކަމަށާއި ތަހްގީގުގެ މުއްދަތު ފުލުހުން އެދިގެން ވަނީ އިތުރުކޮށްދީފައި ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.


