12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މި މަހު ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފައިޒާގެ ކޮވިޑު ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް މިހާރު ކަށަވަރު ވެފައި ވާކަމަށެވެ. އަދި އެ ވެކްސިން ލިބުމާއެކު ވެކްސިން ޖަހަން ފަށާނެ ކަމަށާއި، ސީދާ ދުވަހެއް ދެންނެވޭނީ އަންނަ ހަފްތާގައި ކަމަށް ވިދާޅުވިއެވެ.
”ފައިޒާ ވެކްސިން ޖަހަން ކަނޑައެޅިފަ މި ވަނީ އަޅުގަނޑު މި ދަންނަވާ ގްރޫޕް ތަކަށް. އެއީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް. މާބަނޑު މީހުންނަށް. މީގެ ތެރޭގަ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި ފަހުން މާބަނޑުކަން އެނގިފަ ތިބި މީހުންނަށާއި، އަދި މާބަނޑު މީހުންގެ ތެރެއިން އެއްވެސް ވަރަކަށް ވެކްސިން ޑޯޒެއް ނުޖަހާ ފަރާތްތައް. ދެން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވާފަދަ ބައްޔެއް ޖެހިފަ ނުވަތަ ބޭހެއް ބޭނުންކުރާ ފަރާތްތައް“ ފައިޒާ ވެކްސިން ޖަހާ ކެޓަގަރީތަކުގެ ތަފްސީލު ދެއްވަމުން ނަޒްލާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ނަޒްލާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން، އެހެން ގައުމަކުން ފައިޒާގެ ފުރަތަމަ ޑޯޒު ޖެހުމަށް ފަހު މިހާރު ރާއްޖޭގައި ތިބި ފަރާތްތަކަށްވެސް އެ ވެކްސިން ޖެހޭނެ ކަމަށެވެ. އަދި ފައިޒާ ވެކްސިން ނޫން ވެކްސިނެއް ގަބޫލު ނުކުރާ ގައުމަކަށް ދަތުރު ކުރާ މީހުންނަށްވެސް އެ ވެކްސިން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.


