އިންސާފާއި ޙައްޤަށް މަސައްކަތްކުރާ އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށް ދިވެހިން ވާންޖެހޭކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހިޖުރީ 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ މުސްލިމުން ގުނަމުން އަންނަ ހިޖްރީ ތާރީޚަކީ މުޅި އިންސާނިއްޔަތުގެ ތާރީޚު ބަދަލުކޮށްލައި، ތަރައްޤީއާއި ޙަޟާރަތުގެ އައު ފެށުމަކުން މުޅި ދުނިޔެއަށް ދިރުން ގެނެސްދިން ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ ތާރީޚެއް ކަމަށެވެ.
ހަމައެހެންމެ ރަސޫލާގެ ހިޖްރައާއެކު މަދީނާއިން އުފަންވެގެން ދިޔައީ، އޯގާތެރިކަމާއި ހަމްދަރުދީއާއި ލޯތްބާއި ކުލުނުގެ މަތީގައި ބިނާވެފައިވާ އިސްލާމީ އުންމަތެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީޚު ޖަހަމުން އަންނަނީ ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން ޢިބްރަތް ހާސިލުކުރުމުގެ ބޭނުމުގައިކަމަށްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމާއި، އެންމެހައި މުސްލިމުންނަކީ އިންސާނީ އަޚްވަންތަކަމާއި، ރައްބުގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން ގުޅިލާމެހިފައި ތިބި ބައެއްކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް އިސްލާމީ އުންމަތް ވެގެންދިޔައީ އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިސްލާމީ އުންމަތަށް ކުރިމަތިވި އެންމެހައި ދަތިތަކާއި ހުރަސްތައް ގިރާކޮށް މުޅި ދުނިޔެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ފެތުރިގެންދިޔައީ މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަ ގުޅުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ގޮސްފައި މިވަނީ، އިސްލާމީ އަޚްވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާކުޑަކުރެވުމުގެ ސަބަބުން އިސްލާމީ އުންމަތް ބައިބައިވެފައިވާތީކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢު ވެސް މިއަދު ބޭނުންވަނީ އެކަކު އަނެކަކަށް އިޙްތިރާމާއި ލޯތްބާއެކު މުޢާމަލާތުކުރާ ބަޔަކަށް. ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް ފާޅުގައި ނޫނެކޭ ބުނެ މުޖުތަމަޢުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް. އިންސާފާއި ޙައްޤަށް މަސައްކަތްކުރާ އަދި ބޭއިންސާފާއި ބާޠިލަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބަޔަކަށް. ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންނަށް ގޮވައިލަނީ އެފަދަ ބަޔަކަށް މުސްލިމުން
ވުމަށް“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، ހިޖްރީ އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ހިޖްރައިގެ މަތިވެރި ހާދިސާއިން ލިބިދޭ ގިނަގުނަ ފިލާވަޅުތައް ޢަމަލީގޮތުން ތަންފީޒު ކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ވެސް ފާހަަގަކުރައްވާފައެވެ.


