ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަ ވެކްސިން ޕްރޮގްރާާމު މި ހަފުތާގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ޢުމުރުން 12 އަހަރުން މަތީގެ ކުޑަކުދިންނަށް ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދޭން ފަށަން ސަރުކާރުން ނިންމައިިފައިވާއިރު، ދަރިވަރުން ވެކްސިން ޖެހުމަށް ތައްޔާާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ވަނީ އަންގާފައެވެ.
މި މަހުގެ 10 ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ދަރިވަރުންނަށް ވެކްސިން ޖަހަން ފެށުމަށްޓަކައި އެޗްޕީއޭއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން މި ހަފުތާގައި ވެކްސިން ޕްރޮގްރާާމު ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ޢާއިޝަތު ޢަލީ ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ސްކޫލުތަކުގެ މުވައްޒަފުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާޠިމަތު އައްޒަ ވިދާޅުވީ ބެލެނިވެރިންނަށް ވެކްސިނާގުޅޭ މަޢުލޫމާތު ދިނުމަށް ބައްދަލުވުންތައް ބާއްވަމުން ގެންދާ ކަމަށާއި، ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ވެސް އެފަދަ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ ވެކްސިންޖެހުމުގައި ބެލެނިވެރިންގެ އިއުތިރާޒެއް އޮތްތޯ ބައްލަވާނެ ކަމަށް ވެސް އައްޒަ ވިދާޅުވިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ 12 އަހަރުން މަތީގެ ޢުމުރުފުރާގެ ކުދިންނަށް ދޭނީ ފައިޒާ ވެކްސިން ކަމަށާއި، އެ ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާ ކަމަށެވެ


