ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ”ދިވެހިބަހުގެ އެކެޑަމީ“ ގެ ރައީސަކަށް، ޑރ.އަޝްރަފް ޢަބްދުއްރަޙީމް އިންތިޚާބުވެވަޑައިގެންފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި، ނައިބު ރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ ގޮތުން އެކެޑަމީގެ ރައީސަކަށް ޑރ.އަޝްރަފް މިއަދު އިންތިޚާބުވެވަޑައިގެންފައިވާއިރު، ނައިބު ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވީ ޅ.ކުރެންދޫ/ނޫރަންގެ ޒުލްފާ އިބްރާހިމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދިވެހިބަހުގެ އެކެޑަމީއަށް މިއަދު ޢައްޔަންކުރެއްވި 3 މެންބަރުންގެ ތެެރޭގައި ޑރ.އަޝްރަފާއި، ޒުލްފާ ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން އެކެޑަމީއަށް ރައީސް މިއަދު ޢައްޔަންކުރެއްވި މެންބަރަކީ
މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. މުޙައްމަދު ޝާހިދު ޙަލީމް މީގެ ކުރިން ވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

ދިވެހިބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން މިއަދު މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އެކަޑެމީގެ ރައީސަކަށް ހުންނެވި އަޝްރަފް ޢަލީއާއި، ނައިބު ރައީސަކަށް ހުންނެވި ރާފިޢާ ޢަބްދުލްޤާދިރާއި، މުޙައްމަދު ޝާހިދު ޙަލީމެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިނާއި، ޢިޔާޒު ޖާދުﷲ ނަސީމާއި، މުޙައްމަދު ޝާހިދު ޙަލީމާއި، ޑރއަޝްރަފާއި، ޒުލްފާއެވެ


