ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
މިނިސްޓަރުކަމުން ޒަހާ ވަކިކުރެއްވީ، ސަރުކާރުގެ ހިންގެވުމަށް ބައެއް ބަދަލުތައް ގެނައުމުގެ ތެރެއިން މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އަދި އެފަހަރު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު އޭނާއަށް ހުށަހެޅުއްވި އެވެ.
ޒަހާ ވަނީ މީގެ ކުރީގައި ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން 1989 އާއި 2008 ވަނަ އަހަރާ ދެމެދުގައި ޒަހާ ވަނީ ސީނިއާ ރީސާޗާ، ޑެޕިއުޓީ ޑިރެކްޓަރު އަދި ހެޑް އޮފް ޕޮލިސީ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސާވިސްގެ މަގާމު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން ނޮވެމްބަރު 2013 އިން އޮގަސްޓް 2015 އާދެމެދުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވެ އެވެ.
ޒަހާއަކީ މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓާ އޮފް ސައިންސް (އެމްއެސްސީ) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭގެ އިތުރުން ބެޗެލާ އޮފް ސައިންސް (ބީއެސްސީ ވިތް ޖޮއިންޓް އޮނާސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ.
ޒަހާ ހިމެނޭ ގޮތަށް މި ސަރުކާރުގައި މިނިސްޓަރުންގެ ފެންވަރުގެ ނުވަ ބޭފުޅުން އެބަ ތިއްބެވި އެވެ. އަދި ޒަހާއާއެކު ރައީސް އޮފީހުގެ މިނިސްޓަރުގެ އަދަދު ހަތަރަކަށް އަރާނެ އެވެ. ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ، އަލީ ޝިޔާމް އާއި މުހައްމަދު ޝިފާޒު އަދި އަހުމަދު ސަމީރެވެ.


