“ބަރުލަމާނީ ނިޒާމަށް” ތާއީދުކުރައްވާ ހުރިހާ ކެންޑިޑޭޓޫންނަށް ތާއީދު ކުރަން – މުހައްމަދު ނަޝީދު

ޚަބަރު ފަހުގެ

އެމްޑީޕީގެ އެތެރޭ އިންތިހާބުގައި ވާދަކުރައްވާ، ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު އޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައި އެމްޑީޕީ މެންބަރުން ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެންމެ އިސްކޮށް ވަކާލާތު ކުރައްވާ ބޭފުޅަކީ ރައީސް ނަޝީދެވެ. އެމަނިކުފާނު ވަނީ ޕެޓިޝަނުގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކޮށްދިނުމަށް އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އާ ދައުރަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، “ބަރުލަމާނީ ނިޒާމަށް” ތާއީދުކުރައްވާ ހުރިހާ ކެންޑިޑޭޓޫންނަށް ރައީސް ނަޝީދު ތާއީދުކުރައްވާ ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ސޮއިކުރަމުން އަންނަ ޕެޓިޝަނާ ގުޅިގެން މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

ބަރުލަމާނީ ނިޒާމު ގެންނަން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދެވެ. ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވަނީ ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަން ކުރުމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ވިދާޅުވެއެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ގާނޫނުއަސާސީ އަށް ބަދަލެއްގެންނަނަމަ 66 މެންބަރުންގެ ވޯޓް ބޭނުންވާނެއެވެ. ރިޔާސަތާ ނުލައި އެމްޑީޕީ އަށް ހަމަވާނީ 64 މެންބަރުންނެވެ. ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ތިބީ ބައިބައިވެފަ އެވެ.

18 އޯގަސްޓް 2007 ގައި ދިވެހި ރާއްޖޭގައި ވެރިކަން ކުރަން ފެންނަ ނިޒާމަކީ ކޮބައިތޯ ބެލުމަށް ވޯޓެއް ނަގާފައި ވެއެވެ. ރައީސް މައުމޫނުގެ ފަހު ދައުރުގައި ނެގި އެވޯޓުގައި ވޯޓުލީ 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްވޯޓު ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ