ޢަދަދު ގިނަވުމަކީ ބާރުވެރިވާ ކަމެއް ނޫނެވެ. އަދި އަޑުގަދަ ކޮށްގެން ހޯދާ ރުއްދަނޑުތައް ވެސް ނެތިދާނެ ދުވަހެއް އަންނާނެވެ.
މުޖްތަމަޢުގައި އުޅޭ އެއްބަޔަކީ އަނެކާގެ ޙައްޤަށް ބެލުމެއްނެތި ތިމާއަށް މޮޅު ގޮތަށް ހުރިހާ ކަމެއް ނިންމަން ގަދަފައިވިއްދާފައި ތިބޭ މީހުންނެވެ. އަޑުގަދަކޮށްގެން ރުއް ގިނަކުރާ އުޞޫލުންނެވެ. ނިކަމެތިންނާއި މަދު މީސްކޮޅުގެ ބިންދަނޑުތަކާއި ގެދޮރާއި ފުރާނައަށް ގެއްލުން ދީފައި ވެސް އެބަޔަކުގެ ހަންފެތުރުން އެއީ އުފަލެއްކަމުގައި ދެކޭ ބައެކެވެ. ރައްބެއް އިލާހެއް ބެލުމެއް ނެތިއެވެ.
އޯގާވަންތަ އިލާހީ ދަރުބާރުން މަދަދާއި ރަޙުމަތަށް އެދިއެދި ހުންނަ މީހާ އަބަދުވެސް ޔަޤީން ކުރާނީ ދުނިޔޭގެ އެންމެން އޭނާއަށް ގެއްލުމެއް ދޭން ޖަމާވި ކަމުގައި ވިޔަސް ﷲ އޭނާއަށް ލިޔުއްވާފައިވާ ކަމެއް ނޫނީ ނުވާނެކަމާއި، ދުނިޔޭގެ އެންމެން އޭނާއަށް މަންފާއެއް ދިނުމަށް ޖަމާވި ކަމުގައި ވިޔަސް ﷲ އޭނާއަށް ލިޔުއްވާފައިވާ ފައިދާއެއް ނޫނީ ކޮށްނުދެވޭނެ ކަމެވެ.
މީހަކު އޭނާގެ މައްޗަށް އަނިޔާވެރިކަމުގެ ގޮތުން ގަދަވެގެންފި ނަމަ، އެކަމުން މިންޖުވޭތޯ ﷲ އަށް ދުޢާ ދަންނަވާ ޙާލު އެކަމަކުން ނަޖާވޭތޯ މުއުމިންއަޅާ ގަދަ އަޅާ މަސައްކަތް ކުރާނެއެވެ. ﷲ ގެ މަދަދާ އެކު ރެއާދުވާލު އޭނާގެ ޢަދުއްވާ ދެކޮޅަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުންމަތީ ސާބިތުކަމާ އެކު ދެމިހުންނާނެއެވެ. އެކަމުގައި އޭނާ ޙައްޤުމަގު އިޚްތިޔާރުކޮށް އިޚްލާޞްތެރިވެ ހުރެއްޖެ ނަމަ، ﷲ ގެ މަދަދާއި ނަސްރު ވަނީ އޭނާއާ އެކުގައި ކަން އޭނާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ.
އޭނާގެ ކެތްތެރިކަމުގައި އެއް އަހަރު ދެ އަހަރު އެއީ އެއްވެސް އެއްޗެއް ނޫނެވެ. އަދި ކިއެއް 15 އަހަރު 20 އަހަރު ފަހުން ވެސް ނަސްރު އަންނާނީ ﷲ ގެ މަގުގައި ފައިތިލަ ސާބިތު ކުރާ ބަޔަކަށް ކަން އޭނާއަށް ޔަޤީން ކުރެވޭނެއެވެ.
އޭނާއަށް ގެއްލިފައިވާ ޙައްޤު ފޭރިގަތް މީހުންނަކީ، އެބަޔަކު ދެކެ މުޖްތަމަޢުގެ އެހެން އަފުރާދުން ބިރުގަންނަ ބަޔަކު ކަމުގައި ވީ ނަމަވެސް އޭނާ އެކަމާ ޖެހިލުމެއް ނުވާނެއެވެ. ޢަދަދުގެ ގޮތުން ތިމާގެ އެހީތެރިން މަދުވެފައި، ޢަދުއްވުންގެ މީސްކޮޅު ގިނަވުމަކީ، މަދު މީހުން ނާކާމިޔާބު ވުން އޭގެ މައްޗަށް ބިނާވާ ސަބަބެއް ކަމުގައި އޭނާ ނުދެކޭނެއެވެ. ﷲ ގެ ކަލާމްފުޅުގައި އޮތް ބަސްފުޅު އަބަދުވެސް އޭނާގެ ކަންފަތުގައި ގުގުމާފައި ހުރެއެވެ. ﴿كَم مِّن فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ﴾ (البقرة: ٢٤٩) މާނައީ: “اللَّه ގެ އިޒުނަޔާއެކު ކިތައް ކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟” މިއީ އިލާހީ ރޭއްވެވުން އޮންނަ ގޮތެވެ. ގިނަމީހުންގެ މައްޗަށް މަދުނީހުންނަށް ކާމިޔާބު ލިބެނީ އެބައެއްގެ ތަޤުވާވެރިކަމުންނެވެ.
ނޯޓް : މިއީ هــ ۱٤٤۳ އަހަރު مُحِرَّم މަހުގެ 12 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 32 ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ..


