ހަނިމާދޫގެ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ސަރވޭ ކުރަން އެރަށު ކައުންސިލުން ފަށައިފިއެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވީ އެ ކައުންސިލުން މިފެށި މަސައްކަތަކީ ހަނިމާދޫ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުމާއި އެކަންކަން ހައްލު ކުރަމަށް ކުރެވިދާނެ ކަންތައް ދެނެގަތުމުގެ ދިރާސާއެއް ކަމަށެވެ.
ރޭ ވަނީ އެ ދިރާސާގެ ފުރަތަމަ ކަމެއްގެ ގޮތުން ނިމިދިޔަ ޖީސީއީ އޯ ލެވެލް ނިންމި ދަރިވަރުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިކަމަށް ފިރާގް ވިދާޅުވިއެވެ.
ބައްދަލުވުމުގައި 13 ދަރިވަރުން ބައިވެރިވިއެވެ. ނިމިދިޔަ އިމްތިހާނު ހެދީ 20 ދަރިވަރުންނެވެ. މިބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބައިވެރިން ވަނީ ސަރވޭ ފޯމެއް ފުރާފައެވެ.
ސަރވޭ ފޯމާގުޅޭ ގޮތުން ފިރާގް ވިދާޅުވީ އެ ފޯމަކީ ސިއްރު ހިފެހެއްޓޭނެ ފޯމެއް ކަމަށާއި، އެ ފޯމުގައި ހިމެނޭ ކަންތައްތައް ބަލާ އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހޭނެކަމަށެވެ.
ހަނިމާދޫގައި 11، 12 އުފެއްދުމަށް ހުރިހާ ކުދިންގެވެސް އެއްބާރުލުން ބޭނުންވާކަމަށާއި، މިފަހަރު ހޯދި ކާމިޔާބީއަށް ޝުކުރު އަދާކުރާ ކަމަށް ފިރާގް ވިދާޅުވިއެވެ.
ފާއިތުވި 5 އަހަރަށް ބަލާއިރު މިއަހަރު ނަތިޖާ ރަނގަޅު ނަމަވެސް އާޓް އެންޑް ޑިޒައިން އިން ފާސް ނުވާތީ ގަދަ 10 އެއްގައި ދަރިވަރަކު ހިމެނިފައި ނުވެއެވެ.


