އެތެރެފުށާއި ބޭރުފުށުގެ ޢަމަލުތައް އިޞްލާޙު ކުރުން

ފަހުގެ ދީން

އިންސާނާ ކުރާ ޢަމަލުތައް ބެހެނީ ދެ ބަޔަކަށެވެ. އެއީ އެތެރެފުށުގެ ޢަމަލުތަކާއި ބޭރުފުށުގެ ޢަމަލުތަކެވެ. އެތެރެފުށުގެ ޢަމަލުތަކަކީ ހިތުގެ ޢަމަލުތަކެވެ. އޭގެ ތެރޭގައި، ބިރުވެތިވުމާއި، ލޯބިވުމާއި، ޔަޤީންކުރުމާއި، ތަވައްކަލުކުރުން ފަދަ ކަންކަން ހިމެނެއެވެ. ބޭރުފުށުގެ ޢަމަލުތަކަކީ ގުނަވަންތަކުން ކުރާ ޢަމަލުތަކެވެ. މިއީ ޢަމަލުތަކުގެ ފެންނަން ހުންނަ ބައެވެ.

ބޭރުފުށް އިޞްލާޙު ކުރުމަކީ ޢަމަލުތައް ސުންނަތާ އެއްގޮތަށް ބެހެއްޓުމެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެންނެވި ކަންތައްތަކުގެ މަތީގައި ސާބިތުވެހުރެ، ދީނުގައި ނެތް ކަންކަން ނުވަތަ ސާބިތުނުވާ ކަންކަމުން އެއްކިބާވުމެވެ. މި ދީނުގެ ތެރެއިން ނެތް ކަމެއް ކޮށްފި މީހަކަށް އެކަންވަނީ ރައްދުވެގެން ކަމަށް ޙަދީޘްފުޅުގައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެތެރެފުށް އިޞްލާޙު ކުރުމަކީ، ތިމާ ކުރާ ހުރިހާ ޢަމަލުތަކެއްގައި ވެސް މާތް ﷲ އަށް އެކަނި ޚާލިޞް ކުރުމެވެ. ތައުޙީދުގެ ޢަޤީދާގެ މަތީގައި ދެމިހުރުމެވެ. ޢަމަލުތަކުގައި މާތް ﷲ އާ އެ ނޫން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. “އެ އިލާހަކީ ދިރުމާއި މަރުވުން ލެއްވި އިލާހެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު ޢަމަލު ކުރަނީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.” (الملك: ٢) އަލްފުޟައިލް رحمه الله ވިދާޅުވެފައިވާ ގޮތުން މި ބަސްފުޅުގެ ޝަރަޙައަކީ “އެ ޢަމަލަކީ އެންމެ އިޚްލާޞްތެރި އެންމެ ސުންނަތާ އެއްގޮތަށް ކޮށްފައިވާ ޢަމަލަކަށް ވުމެވެ.”

މާތް ﷲ އަށް އިޚްލާޞްތެރިކަމާ އެކު ތައުޙީދުގެ މަތީގައި ހުރެ ކުރާ ޢަމަލެއް ކަމުގައި ވިޔަސް، ސުންނަތާ އެއްގޮތަށް ނުކުރާ ނަމަ، އެ ޢަމަލެއް ޤަބޫލު ނުކުރެއްވޭ ހުށްޓެވެ. މިސާލަކަށް، ފަތިސްނަމާދުގެ ދެ ރަކުޢަތުގެ ބަދަލުގައި ތިން ރަކުޢަތް ކޮށްފި ނަމަ އެ ނަމާދު ބާޠިލުވާނެއެވެ. އެއީ ﷲ ގެ ވަޖުހަފުޅަށް ކުރި ޢަމަލެއް ކަމުގައި ވީ ނަމަވެސް، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެނެސްދެއްވި ގޮތާ ޚިލާފަށް ކޮށްފައިވާތީއެވެ.

ހަމައެފަދައިން އެ ޢަމަލަކީ ސުންނަތާ އެއްގޮތަށް ކުރެވޭ ޢަމަލެއްކަމުގައި ވިޔަސް، އެ ޢަމަލުގައި އިޚްލާޞްތެރިކަން ނެތީވިއްޔާ ޤަބޫލު ނުކުރެއްވޭ ހުށްޓެވެ. ވީމާ، ޢަމަލުތައް ޤަބޫލު ކުރެއްވިގެންވަނީ މާތް ﷲއަށް އިޚްލާޞްތެރިކަމާ އެކު، ތައުޙީދުގެ މަތީގައި ހުރެ، ދީނުގައި އެންގެވި ގޮތަށް، ސުންނަތާ އެއްގޮތަށް ކުރެވޭ ޢަމަލުތައް އެކަންޏެވެ. މިކަން އަންގަވައި ވަޙީކުރައްވާފައިވެއެވެ. ﴿فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَداً﴾ (الكهف 110) މާނައީ: “ފަހެ، އެ މީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭ މީހާ ދަންނާށެވެ! ފަހެ، އެ މީހާ ޞާލިޙު ޢަމަލުކުރާ ހުށިކަމެވެ! އަދި އެ މީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ!”

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. “އީމާންކަމުގެ ބޭރުފުށަކާއި އެތެރެފުށެއް ވެއެވެ. ބޭރުފުށުގެ އީމާންކަމަކީ، ދުލުން ބުނެއުޅޭ ބަސްތަކާއި، ގުނަވަންތަކުން ކޮށް އުޅޭ ޢަމަލުތަކެވެ. އެތެރެފުށުގެ އީމާންކަމަކީ ހިތުން ތެދުކޮށް ޤަބޫލުކުރުމާ އެކު ބޯލަނބައި ކިޔަމަންގަނެ، އެ ޢަޤީދާއަށް ލޯބިކުރުމެވެ. ވީމާ، އެތެރެފުށުގެ އީމާންކަން ނެތީވިއްޔާ ބޭރުފުށުގެ އީމާންކަމުން ފައިދާއެއް ނެތެވެ. އަދި އެތެރެފުށުގެ އީމާންކަން އޮތަސް އެއާ އެކުގައި ބޭރުފުށުގެ އީމާންކަން ނެތީވިއްޔާ އެކަމުގެ ފައިދާއެއް ވެސް ނުމެނެތް މެއެވެ.”

ނޯޓް: މިއީ هــ ۱٤٤۳ އަހަރު مُحِرَّم މަހުގެ 12 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 33 ވަނަ ޢަދަދުގެ 3 ވަނަ ޞަފްޙާގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ..

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ