ސިޔާސީ ނުފޫޒުގައި ނުޖެހުމަށް ސިފައިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގޮވާލައްވައިފިއެވެ.
ރައީސް ސޯލިހު މިކަމަށް ގޮވާލެއްވީ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި، ބަޑި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ފަރާތުން ޤައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުން ކަމަށާއި އެގޮތުން އެކަމަށް ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ޤާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނު ކަމަށެވެ.
“ތިޔަ ސިފައިންގެ ސިކުނޑިތައް ހާނުވާފައިވަނީ، ޤައުމަށްޓަކައި ޤުރުބާންވާން ޖެހިއްޖެނަމަ، އެއީ ޝަރަފެއް ކަމަށް ދެކި، ކެރިގެން އެކަމާ ކުރިމަތިލުމަށް. ތިޔަ ސިފައިންގެ ހަށިހެޔޮކަން ބިނާކޮށްފައިވަނީ، ޤައުމުގެ ދިފާޢުގައި އުފުލަން ޖެހިއްޖެ ކޮންމެ ބުރައަކާއި، ތަޙައްމަލް ކުރަންޖެހިއްޖެ ކޮންމެ އުނދަގުލެއް ގިރާކޮށް، ޤައުމާއި ރައްޔިތުންނާއިގެން އަމާން އައްސޭރިއެއް ހޯދޭނެ ފެންވަރަށް” ރައީސް ވިދާޅުވިއެވެ.
އަދި ސިފައިންނަކީ ޢަސްކަރީ ޚިދުމަތެއް ކަމަށްވިޔަސް، ދިވެހި ސިފައިންގެ ދައުރު އެއަށްވުރެ މާ ފުޅާ ކަމަށާއި އެގޮތުން ދިވެހި ރައްޔިތުންނަށް ބޭނުންވާ މަދަނީ ކިތަންމެ ޚިދުމަތެއް، ދިވެހި ޢަސްކަރިއްޔާއިން އަންނަނީ ފޯރުކޮށްދެމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ޤައުމަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި، އެއީ ޤުދުރަތީ ކާރިސާއެއް ކަމަށްވިޔަސް، ނުވަތަ ނުރައްކާތެރި ހާދިސާއެއް ކަމަށްވިޔަސް، އެފަދަ ކޮންމެ ކަމަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށްދިނުމަށް، އެންމެ ކުރިން ނުކުންނާނެ ބަޔަކީ ދިވެހި ސިފައިން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ސިފައިންގެ މީހަކަށް ވުމާއެކު، ދެން މަސައްކަތް ކުރަންވީ، ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ދިވެހި ޤައުމަށް ކޮށްދިނުމަށް. އެ ފުރުޞަތު ތިޔައިން ކޮންމެ ސިފައިންގެ މީހަކަށްވެސް އެބައޮތް. ދިވެހި ޢަސްކަރިއްޔާގެ ތެރޭގައި ކުރިއަށް ދެވޭނެ ފުރުޞަތުތައް އެބަހުރި. ބޭނުންވަނީ ހިތްވަރާއި ޢަޒުމާއެކު، ކެރިގެން ކަންކަމާ ކުރިމަތިލުން” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމު ދިފާޢުކުރުމުގެ މަތިވެރި ވާޖިބު އަދާކުރުމުގައި، ދެމިތިބޭ ބަޔަކު ކަމުގައިވުމަށް ވެސް ގޮވާލާފައެވެ.


