ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުންތައް ފެތުރުން ހުއްޓުވުމަށް، ރާއްޖެއިން ބޭރުން އިސްލާމް ކިޔަވައިދޭ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަވާ ކަމަށް، “މެއި ހައެއް”ގެ ކޮމިޓީން ބުނެފައިވާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން އެކުލަވާލެއްވި ރިޕޯޓްގައި ހުށައަޅުއްވާފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން، އެ މިނިސްޓްރީއާ ގުޅޭ ކަމަށް އެރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަން ތަންފީޒު ކުރެއްވުމުގެ މަސައްކަތާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، 26 އޮގަސްޓް 2021ގައި، މޭ 6ގެ ކޮމިޓީއިން އެ މިނިސްޓްރީއާ ބައްދަލު ކުރައްވާ، ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނޫސްބަޔާނުގައި ވިދާޅުވެފައެވެ.
މިނިސްޓްރީން ވިދާޅުވީ، އިސްލާމް މާއްދާގެ މުޤައްރަރު ތައްޔާރު ކުރެވިފައިވަނީ ދިވެހިބަހުން ކަމަށްވެފައި އަދި، އެ މާއްދާ ކިޔަވައި ދެއްވުމަށް ތަމްރީން ކުރެވިފައިވާ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ދިވެހިރާއްޖޭގައި ތިއްބެވުމުން، އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައި ދިނުމަށް މި މިނިސްޓްރީއިން ވިސްނާފައި ނުވާ ކަމަށެވެ.
“..އަދި، އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއްވެސް، މި މިނިސްޓްރީގެ ނެތް ކަމުގައި ދެންނެވީމެވެ.” މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ހަމަލާއާއި ގުޅިގެން އެމްޑީޕީން އުފައްދާފައިވާ “މެއި ހައެއް”ގެ ކޮމިޓީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި، އެ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ދަރިވަރުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ޢަފީފު ވިދާޅުވީ ދަރިވަރުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް މިނިސްޓަރު ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން މިހާރުވެސް ސްކޫލުތަކުގައި ހަރުކަށި ވިސްނުން ހުރި ދަރިވަރުން ތިބިކަން އެޑިއުކޭޝަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށާއި، ހަރުކަށި ފިކުރު ފަތުރާ މީހުން ބޮޑަށް ޓާގެޓް ކުރަނީ ދިރިއުޅުމުގެ ހާލަތު ނިކަމެތިކޮށް ހުންނަ ދަރިވަރުން ހައްލައިގެން އެ ފިކުރުގެ ތެރެއަށް ވެއްދުމަށް ކަމަށް މިނިސްޓްރީން ހާމަކުރި ކަމަށް އަފީފު ވިދާޅުވިއެވެ.
އޭގެ އިތުރުން ހަރުކަށި ފިކުރާއި ދަރިވަރުން ދުރުކުރުމުގެ މަސައްކަތުގެ ތެރެއިން، އިސްލާމް މާއްދާގެ މުޤައްރަރަށް ބަދަލުގެނެސް އެ މާއްދާގެ ފޮތްތަކުގައި ހުރި ހަރުކަށި ވިސްނުމަށް ތާއީދުކުރާ ތަކެތި އުނިކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން ފަށައިފއިވާކަމަށް އަފީފު ވިދާޅުވިއެވެ.
ބައެއް ސްކޫލުތަކުގައި ކިޔަވައިދޭ އިސްލާމް ޓީޗަރުން ހަރުކަށި ފިކުރުގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާ ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމްޑީޕީގެ މެއި ހައެއް ކޮމިޓީއިން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި އަފީފް ވިދާޅުވީ މިނިސްޓްރީގެ މިހާރު ވިސްނާ އެއްކަމަކީ ވަކި އަދަދަކަށް އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުން ކަމަަށެވެ.


