މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ހޮޓްލައިން، ”1650“ ތައާރަފްކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޮޓްލައިން އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ހޮޓްލައިން އިފްތިތާހު ކުރެވުމާއެކު ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިހާރު އެމްޓީސީސީގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދުމަށް ކުންފުނީގެ އެކި މުވައްޒަފުންނަށް ގުޅަން ޖެހުމަކީ ކަސްޓަމަރުންނަށް ދަތި ކަމެއް ކަމަށާއި، ހޮޓްލައިންގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ވިދާޅުވުއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ހޮޓްލައިންއަށް ގުޅާ ކަސްޓަމަރުން ކިއުގައި މަޑުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެކި ޑިޕާޓްމެންޓުތަކަށް ޕާސް ކުރާކަށްވެސް ނުޖެހޭނެ ކަމަށާއި، ކޯލް ސެންޓަރުގެ މުވައްޒަފުންނަށް ހުރިހާ މައުލޫމާތެއްވެސް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހޮޓްލައިންއަށް ގުޅާ ކަސްޓަމަރެއްގެ ކޯލް މިސްވެއްޖެ ނަމަ، އެ ކަސްޓަމަރަކަށް އެމްޓީސީސީއިން އަނބުރާ ގުޅާނެ ކަމަށް ވިދާޅުވިއެވެ.
ހޮޓަލައިންގައި މަސައްކަތް ކުރަނީ އެ ކުންފުނީގެ މުވައްޒަފުންނެވެ. އަދި ކޯލްސެންޓަރުގެ މުވައްޒަފުން ވަނީ އެކަމަށް ހާއްސަ ތަމްރީނުތަކެއް ހާސިލު ކޮށްފައެވެ.
24 ގަޑިއިރު ހިދުމަތްދޭ އެ ހޮޓްލައިންއަށް ގުޅައިގެން އެމްޓީސީސީގެ ހުރިހާ ޑިވިޝަނެއްގެ މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އެގޮތުން، ޓްރޭޑިން، ޓްރާންސްޕޯޓް، އިންޖީނިއަރިންގ އަދި ޑޮކިންގ ހިދުމަތް، ޕްރޮކިއުމެންޓް، ފިނޭންސް، ހިއްސާ، އެޑްމިން، އެމްޓީސީސީގެ މަޝްރޫއުތައް އަދި ވަޒީފާއާއި ގުޅުން ހުރި މައުލޫމާތުވެސް ލިބޭނެއެވެ.
އެމްޓީސީސީން ބުނީ އެ ހޮޓްލައިންއަށް ގުޅާ ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދޭނެ ކަމަށެވެ. އެހެން ނަމަވެސް، އިންޖީނެއްގެ ޓެކްނިކަލް ސުވާލު ފަދަ ސުވާލުތަކަށް މައުލޫމާތު ސާފު ކުރުމަށް ފަހު ޖަވާބު ދޭނެ ކަމަށް ބުންޏެވެ.


