އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް 9 މެމްބަރުން އައްޔަންކޮށްފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނެގި ސިއްރު ވޯޓަކުން 9 މެމްބަރުން އައްޔަންކުރި އިރު އެ މަގާމަށް 18 ބޭފުޅަކު ކުރިމަތިލާފައިވެއެވެ.
ވާދަކުރެއްވި 18 ފަރާތުގެ ތެރެއިން 9 ފަރާތަކަށް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި އަނެއް 9 ފަރާތަކަށް އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހް ވަނީ ތާއީދުކުރައްވާފަ އެވެ.
އިންތިހާބު ކާމިޔާބު ކުރި ކެނޑިޑޭޓުން:
- އަނަސް އަބްދުއްސައްތާރު – (77 ވޯޓު)
- އަހުމަދު ރިޝްވާން – (71 ވޯޓު)
- އިބްރާހިމް މުހައްމަދު ދީދީ – (67 ވޯޓު)
- އަހުމަދު މައުރޫފް – (67 ވޯޓު)
- ފާތިމަތު އިނާޝާ – (66 ވޯޓު)
- ހުސައިން ރަޝީދު – (66 ވޯޓު)
- އާދަމް މާހިރު – (65 ވޯޓު)
- އަހުމަދު ނިޝާދު – (64 ވޯޓު)
- ނައުޝާދު އަބްދުލް އަޒީޒް – (63 ވޯޓު)
އިންތިހާބުން ނާކާމިޔާބުވި ކެނޑިޑޭޓުން:
- އަމީން ފައިސަލް – (48 ވޯޓް)
- ފާތިމަތު ޝަހީދާ – (51 ވޯޓް)
- އަހުމަދު ޒުހައިރު – (47 ވޯޓު)
- ސޫޒަން އިބްރާހިމް – (45 ވޯޓު)
- އަހުމަދު އަފްރާހް – (42 ވޯޓު)
- ފަޞާހް އަހުމަދު – (48 ވޯޓު)
- މުހައްމަދު ކަމާލް – (41 ވޯޓު)
- ހަސަން ޒާހިރު – (50 ވޯޓު)
- އަބްދުލް މަޖީދު ޝަމީމް – (59 ވޯޓު)
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް މި 9 ބޭފުޅުން ހޮވުމަށް ނެގި ވޯޓުގައި 120 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. 4 ބާތިލް ވޯޓު ހިމެނޭއިރު 8 ބޭފުޅަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
އެމްޑީޕީގެ އަސާސީީ ގަވައިދު ބުނާގޮތުން ޕާޓީގެ އަސާސީ ޤަވާޢިދުގެ އެއްވެސް ކަމަކާމެދު މެންބަރަކު ޝަކުވާއެއް އިސްތިއުނާފު ކުރަންބޭނުންވާ ހިނދު، މިފަދަ ޝަކުވާތަކަށް ނިންމުން ނިންމުމުގެ ވަޒީފާއާއި ޝަކުވާތަކުގެ އަޑުއެހުން ބޭއްވުމުގެ ވަޒީފާ އަދާކުރާނީ އިސްތިއުނާފުގެ ފަނޑިޔާރު، މަޖިލީހުންނެވެ. އޭގެތެރޭގައިޤަވާއިދުގެ ގިއުގަނޑުގެ ތެރެއިން ކަނޑައެޅޭ ޙުކުމްތަކުގެ ބާރުހިނގާ ހުރިހާކަމެއް ހިމެނޭކަމަށް ބުނެފައިވެއެވެ.
އޭގެއިތުރަށް މި ޤަވާއިދު މާނަކުރުމާމެދު އުފެދޭ ހުރިހާ ދެބަސްވުންތަކަށް ޙުކުމްކުރަން އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހަށް ހުށައެޅިދާނެކަމަށް އަސާސީ ގަވައިދުގައިވެއެވެ. އެހެންކަމުން އެ މަޖިލީހަކީ ޕާޓީގެ ބާރުގަދަ ގުނަވަނެކެވެ.
މިއީ މިފަދަގޮތަށް، ދެ ރައީސުންގެ މެދުގައި އޮތް ހިޔާލު ތަފަތުވުންތައް ތިލަވެގެންދިޔަ ފުރަތަމަ ފަހަރު އެވެ. އަދި ރައީސް ސޯލިހްއަށް އެމްޑީޕީގެ ތެރޭގައި އޮތް ތާއދު އިތުރުވަމުން އަންނަކަމަށްދެކެވޭ ވާހަކަތަކަށް، މި އިންތިހާބުގެ ނަތީޖާ ވަނީ ބާރުދީފަ އެވެ.
އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމުގައި ރައީސް ނަޝީދު ވަނީ ޕާޓީގެ ވަޓްސްއަޕް ގުރޫޕްގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ބައެއް ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރެއްވި މަސައްކަތްތަކާއިމެދު ހިތްހަމަޖެހިވަޑައިނުގެން އެމަނިކުފާނު ވަނީ ބަހުގެ ހަމަލާތައް އަމާޒުކުރައްވާފަ އެވެ.


