ކަމެއް ގޯސްކޮށް ކުރެވުމުން، “ނަމަ” ކިޔާ އަޑު ވަރަށް ގިނައިން އިވެއެވެ. އަދި އުންމީދާ އެކު ވާހަކައެއް ބުނާއިރު ވެސް “ނަމަ” ކިޔާ އުޅެއެވެ. މި ކަލިމައަކީ ބައެއް ޙާލަތްތަކުގައި ބޭނުންކުރުން ހުއްދަ އަދި އަނެއް ބައި ޙާލަތްތަކުގައި ބޭނުން ކުރުން ނަހީކުރައްވާފައިވާ ކަލިމައެކެވެ. އެހެންކަމުން، މި ލިޔުމުގައި މިކަމަށް އަލިއަޅުވާލާނަމެވެ.
ހެޔޮކަންތައްތައް ކުރުމަށް ޓަކައި އަދި އެކަންކަން އިތުރުކުރުމުގެ އުންމީދުގައި “ނަމަ” ކިޔުމަކީ ހުއްދަ ކަމެކެވެ. އެކަން އެނގިގެންދަނީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ޙައްޖު ދަތުރުފުޅު ސިފަކުރައްވާ ޖާބިރު رضي الله عنه ރިވާކުރެއްވި ދިގު ޙަދީޘުންނެވެ. [صحيح مسلم 147- (1218)] އަދި ޢިލްމީ މައްސަލަތައް ބަޔާންކޮށްދިނުމުގައި، އެކަން ސާފުކޮށްދިނުމުގެ ގޮތުންނާއި ބަޙުޘްކޮށް، ބައެއްގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމުގައި ވެސް “ނަމަ” ބޭނުން ކުރެވިދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. ﴿لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّـهُ لَفَسَدَتَا ۚ فَسُبْحَانَ اللَّـهِ رَبِّ الْعَرْشِ عَمَّا يَصِفُونَ﴾ (الأنبياء: ٢٢) މާނައީ: “އެ ދެ ތަނުގައި (އެބަހީ: އުޑާއި، ބިމުގައި) ﷲ މެނުވީ އިލާހުންތަކެއް ވީނަމަ، އެ ދެ ތަން ފަސާދަ ވެއްޖައީހެވެ.”
ފަހެ، ޖަދަލުކުރާއިރު ނުވަތަ ވާނެ ގޮތެއް ލަފާ (ަސސުމެ) ކޮށްގެން ވާހަކަދައްކާއިރު އެކަންކަމުގެ ވާހަކަދެއްކޭނީ “ނަމަ” ބޭނުންކޮށްގެންނެވެ.
ޝަރީޢަތުގައި ނަހީކުރައްވާފައިވާ “ނަމަ” އަކީ: ދުނިޔަވީ އެއްޗަކަށް ފިތުނަވެރިވެ ނުވަތަ އޭނާއަށް ފައިދާއެއް ނުވާ ގެއްލުން ހުރި އެއްޗަކަށް އެދި ނުވަތަ ޤަޟާޤަދަރަށް ދެކޮޅުހެދުމުގެ ގޮތުން “ނަމަ” ބޭނުންކުރުމެވެ. އަދި މުޞީބާތެއް ޖެހުމުން އެކަމާ ރުޅިއައިސްގެން ނުވަތަ ނިޔާކުރެވުނު ކަމަކާ މެދު ކެތްތެރިކަން ކުޑަވެގެން “ނަމަ” ބޭނުންކުރުމެވެ. އެކަމާ ބެހޭގޮތުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللهِ وَلَا تَعْجَزْ، وَإِنْ أَصَابَكَ شَيْءٌ، فَلَا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا، وَلَكِنْ قُلْ قَدَرُ اللهِ وَمَا شَاءَ فَعَلَ، فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ” [رواه مسلم 34(2664)-] މާނައީ: “ބަލިކަށި މުއުމިނަކަށް ވުރެ، ވަރުގަދަ މުއުމިނެއް، ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑެވެ. އެ ދެ މީހުންގެ ކިބައިގައި ވެސް ހެޔޮކަން ވެއެވެ. ތިބާއަށް ފައިދާ ލިބެނިވި ކަންކަން ހޯދުމަށް ސަމާލުވާށެވެ. އަދި ﷲ ގެ ވާގިފުޅަށް އެދޭށެވެ. ނިކަމެތިވެ ނުގަންނާށެވެ.
ތިބާއަށް މުޞީބާތެއް ކުރިމަތިވުމުން، “ފަހެ ތިމަންނައަށް އެ ފަދައިން ކަންތައް ކުރެވުނު ނަމައޭ” ނުބުނާށެވެ. އެހެނަސް ބުނާށެވެ. “قَدَرُ اللهِ وَمَا شَاءَ فَعَلَ” (މާނައީ: މިއީ ﷲ މިންވަރުކުރެއްވި ގޮތެވެ. އަދި އެ އިލާހު އިރާދަ ކުރެއްވިގޮތަށް ކަންތައް ކުރައްވައިފިއެވެ.) އެހެނީ ހަމަކަށަވަރުން “ނަމަ” ކިޔުމުން ޝައިޠާނާގެ މަސައްކަތަށް މަގު ފަހިވެގެންދެއެވެ.”
[މަޞްދަރު: صفة حجة النبي صلى الله عليه وسلم، حديث جابر الطويل (ص: 180)]
ނޯޓް : މިއީ هــ ۱٤٤۳ އަހަރު مُحِرَّم މަހުގެ 19 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 34 ވަނަ ޢަދަދުގެ 2 ވަނަ ޞަފްޙާގައި الشَيْخ عِمْرَان مُحَمَّد عَلِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


