ގްރޭޑް 1އަށް ކްރިއޭޓިވް އާޓް ކިޔަވައި ދިނުމުގައި ދަރިވަރުންގެ ފޮތެއް ނޯންނާނެ: އެޑިއުކޭޝަން

ޚަބަރު ފަހުގެ

ގްރޭޑް 1އަށް ކްރިއޭޓިވް އާޓް ކިޔަވައި ދިނުމުގައި ދަރިވަރުންގެ އަމަލީ ފޮތެއް ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ގްރޭޑް 1ގެ މުޤައްރަރުތައް އިސްލާހު ކޮށްފައިވާތީ މި އަހަރުގެ ދިރާސީ އާ އަހަރު ގްރޭޑް 1ގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ގެނެވުނު އިސްލާހާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ އާ ފޮތްބައެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިގޮތުން މި ހިނގައި ދިރާސީ އާ އަހަރާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގްރޭޑް 1ގައި ކިޔަވައި ދަރިވަރުންނަށް ކްރިއޭޓިވް އާޓް ކިޔަވައި ދިނުމަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މުދައްރިސުން ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތަކާއި ކުރެހުމުގެ ނަމޫނާ ދެއްކުމުގެ ގޮތުން ކްލާހުގައި (ޚާއްސްކޮށް ގްރޫޕުތަކުގައި) ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ ރިފަރަންސް ފޮތެއް ކަމަށް އެޑިއުކާޝަނުން ވަނީ ވިދާޅުވެފައެވެ.

އެ ފޮތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 5 ދަރިވަރުންގެ ގްރޫޕު ތަކުގައި ކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަނުން މި ބަޔާން ނެރެފައި މިވަނީ، ގްރޭޑް 1ގައި މިހާރު ބޭނުން ކުރަމުން އަންނަ ކްރިއޭޓިވް އާޓް ފޮތްތައް އަތުލަައި، ކޮންމެ 5 ކުއްޖަކަށް އެއް ފޮތް ބޭނުންކުރާ ގޮތަށް އެ މިނިސްޓްރީން ނިންމެވުމުން، އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ