މަސައްކަތެއް ނުކޮށް ހުންނަ މީހާއަކީ ގައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް

ފަހުގެ ދީން

މަސައްކަތެއް ނުކޮށް ހުންނަ މީހާއަކީ ގައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

”އިސްލާމް ދީނުގައި މަސައްކަތުގެ މަގާމު“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މަސައްކަތް ނެތިއްޖެނަމަ ދުނިޔޭގެ ހަޔާތް ހުއްޓިދާނެ ކަމަށާއި މަސައްކަތްތެރިކަމުގެ އެންމެ ބާވަތެއް ހުއްޓުވައިލެވުނަސް މަސްލަހަތަށް ބުރޫ އަރައި، ހަޔާތް ނުތަނަވަސް ވެދާނެ ކަމަށެވެ. އަދި ބަލިމަޑުކަން ފެތުރި އާންމު ވެދާނެ ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުތުބާގައި ބުނީ، މީހެއްގެ ހަޔާތާއި އޭނާގެ ބާއްޖަވެރިކަމުގެ މަސްދަރަކީ މަސައްކަތް ކަމުގައި ލެއްވި ކަމަށާއި އިންސާނާ އޭނާގެ ނަފުސަށާއި އެހެން މީހުންނަށް ފައިދާ ކޮށްދެނީ މަސައްކަތުން ކަމަށެވެ.

އަދި މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބި، މަސައްކަތެއް ނެތިފައި ހުންނަ މީހާއަކީ ކިތަންމެ ގާތް މީހާއަށްވެސް ބުރައަކަށް ވެދާނެ ކަމަށާއި ގާތް ތިމާގެ މީހުންނަށް ކުޑަ ދުވަސްކޮޅަކަށް އެ ބުރަ އުފުއްލުނަސް މުޅި ހަޔާރުތުގައި އެ ބުރަ އުފުލާކަށް ކުޅަދާނައެއް ނުވާނެ ކަމަށްވެސް ހުކުރު ހުތުބާގައި ބުންޏެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ މީހާ ކައިރިން އަވަހަށް މިންޖު ވޭތޯ ބަލާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އުފެއްދުންތެރި މަސައްކަތްތެރި މީހަކީ މާތް ﷲގެ ހަޟްރަތުގައި ލޮބުވެތި މީހެއް ކަމަށާއި އަދި މީސްތަކުންގެ ގާތުގައި ރުހުން ލިބިގެންވާ މީހެއް ކަމަށެވެ.

ހަލާލު ކޮންމެ އަމަލަކީ އަޅުކަމެއް ކަމަށާއި އަދި އެއީ ﷲގެ މަގުގައި ކުރެވޭ ޖިހާދެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އަމަލަކީ އަޅުކަމެއް ކަމުގައިވާ އިރު، އަދި އަމަލަކީ ޝަރަފެއް ކަމުގައިވާއިރު، މަސައްކަތެއް ނުކޮށް އުޅޭ މީހަކީ ގައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގި ނެތް ގުނަވަނެއް ކަމަށެވެ.

އަދި އެއީ އެއިން އެއްވެސް ފައިދާއެއް ލާބައެއް ނެތް ބޮޑު ބުރައެއް ކަމަށާއި މުޖުތަމައުގެ ތަރައްގީއަށް ހުރަސްއަޅާ މީހެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، ބޭކާރު ގޮތުގައި ވަގުތު ނަގައިލާ މީހުންނަކީ މުޖުތަމައުއާ ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށެވެ. އެގޮތުން ބައެއް މީހުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ކެފޭތަކުގައްޔާއި މީސްމީޑިއާގައި މަޖާ ކުރުމުގައި ވަގުތު ނަގައިލާ ބައެއް ކަމަށާއި މަސައްކަތުގެ މައިދާނުން ބޭރުވެފައިވާ މީހަކީ ސަލާމްޖެހުމުގެ ބިންގަރާސްތެރެއަށް ވަދެފައިވާ މީހެއް ކަމަށްވެސް ބުންޏެވެ.

ގައިބާރު ހުރި މީހާ މަސައްކަތެއް ނުކޮށް ހުރުމަކީ ރަސޫލާ ލޯބިވެވަޑައިގެންނެވި ކަމެއް ނޫނެވެ. އެކަލޭގެފާނު ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”މީސްތަކުންގެ ގާތަށް ގޮސް ސަލާމްޖެހުންމަތީގައި ދެމިހުރި މީހާ ގިޔާމަތް ދުވަހު މަހުޝަރު ކުރެވޭނީ އޭނާގެ މޫނުގައި އެއްވެސް މަސްކޮޅެއް ނެތް ހާލުގައެވެ،“

ހުތުބާގައި ބުނީ، އިސްލާމް ދީނުގައ ތިން ހާލަތެއްގައި މެނުވީ ސަލާމްޖެހުން ހުއްދަވެގެން ނުވާ ކަމަށެވެ. އެއީ ފަގީރުކަމުން ގޮސް ހާލުގައި ޖެހިފައިވާ މީހާ އާއި ބޯނުހިކޭވަރުގެ ދަރަންޏެއް ބޮލުގައި އެޅިފައިވާ މީހާ އާއި އަދާ ނުކުރެވޭވަރުގެ މަރުގެ ދިޔައެއް ބޮލުގައި އެޅިފައިވާ މީހާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ