ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނުބައިކޮށް އޮތީ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެންނެވެ. އެ ހިސާބާ ގުޅިފައި އޮތީ ނާޒިއާތް ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތާ ހިސާބަށެވެ.
މިކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ސޯޝަލްމީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މަސައްކަތް ފަށާފައި ވާކަމަށް ބުންޏެވެ.
އެގޮތުން، މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލު ކުރުމަށް އަމަލު ކުރަން ޖެހޭ ގޮތް ސްކޫލުތަކަށް އަންގައި، ސްކޫލުތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުން ދާކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ފޮތްތަކަކީ އެންއައިއީ އާއި އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ޗެކް ކޮށްފައިވާ ފޮތްތަކެއް ކަމަށެވެ. އަދި އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރާ ކަމަށް ބުންޏެވެ.


