ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހ.ގުރުވަ އަލްއުސްތާޒު އަޙްމަދު ޢާހިދު ރަޝީދު ޢައްޔަން ކުރައްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢާހިދު ޢައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢާހިދު ޢައްޔަން ކުރައްވަން ރައްޔިތުން މަޖިލީހުން ރުހުންދެއްވީ ހުސްވިމަހުގެ 30 ވަނަ ދުވަހުގައި ބޭއްވި ޖަލްސާގައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުން ވެސް ވަނީ އާހިދު އެ މަޤާމަށް ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވާފައެވެ.
މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޢާހިދު ހުންނެވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރުގެ މަޤާމުގައެވެ.
ހަމައެހެންމެ ޢާހިދު ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ލީގަލް އެޑވައިޒަރގެ މަޤާމާއި، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމު ވެސް ފުރުއްވާފައެވެ. ހަމައެއާއެކު އެންޓި ކޮރަޕްޝަން ބޯޑުގެ ލީގަލް އޮފިސަރގެ މަޤާމާއި، މޯލްޑިވްސް ވޮލަންޓިއަރސް ކޯޕްސްގެ ސީއީއޯގެ މަޤާމު ވެސް ފުރުއްވިއެވެ.


