އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް 4 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
އެކުންފުނިން ބުނީ، މަސައްކަތުގެ ދުވެލި ހަލުވި މިނުގައި ކުރަމުން އަންނައިރު، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ނިމިފައި ވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


