ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކަނޑައަޅާ އަސާސީ ޙައްޤުތަކުގެ ތެރޭގައި ޚިޔާލު ފާޅުކުރުމާއި ވާހަކަ ދެއްކުމުގެ މިނިވަންކަން ހިމެނެއެވެ. އެ ފަރާތްތަކުން ހާމަކުރާ ގޮތުގައި ތިބާގެ ޚިޔާލަކީ ވެސް މުހިންމު އެއްޗެކެވެ. ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގެ ޙައްޤު ކޮންމެ މީހަކަށް ވެސް އޮންނަން ވާނެއެވެ. މިނިވަން މުޖުތަމަޢެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤެއް ކަމުގައި އެ މީހުން ބުނެއެވެ. ޢަދުލުވެރި، ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނީ، ބުނަން ބޭނުން ކޮންމެ ވާހަކައެއް ވެސް ބުނެވޭ، ކަންކަމާ އެއްބަސްވެ ނުވަތަ ދެބަސްވާން ބޭނުންވާ ކަންކަމުގައި ދެބަސްވުމުގެ މިނިވަންކަން ލިބިފައިވާ މުޖްތަމަޢެއްގައި ކަމަށް ވެސް އެ މީހުން ބުނެއެވެ.
ނަމަވެސް ދުނިޔޭގެ މުޖްތަމަޢުތަކުގައި ކަން ހިނގާ ގޮތް މުޅިން ތަފާތެވެ. ކޮންމެ މީހަކު ދައްކަން ބޭނުން ކޮންމެ ވާހަކައެއް، ދައްކަން ބޭނުން ކޮންމެ ގޮތަކަށް، ދެއްކުމަކީ ދުނިޔޭގެ ވަޟުޢީ ފަލްސަފާތަކުގައި ވެސް ޙަޤީޤަތުގައި ލިބިދޭ މިނިވަންކަމެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ވާހަކަ ދެއްކުމުގެ މިނިވަންކަން އޮންނަނީ ވަކި ޙުދޫދެއްގެ ތެރޭގައެވެ. ދިރިއުޅޭ ތަނެއްގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފު ނުވާނޭ ހެންނެވެ.
އިސްލާމްދީނުގައި ޚިޔާލު ފާޅުކުރުމާއި، ވާހަކަ ދެއްކުމުގެ އަދަބުތައް ވަނީ ވަރަށް ފުރިހަމައަށް ކަނޑައަޅުއްވާފައެވެ. ބުނާ ބަހަކީ އެއާ މެދު ސުވާލު ކުރެވޭނޭ ކަމެއް ކަމުގައި ވަނީ އަންގަވާފައެވެ. އަދި ނޭނގޭ ވާހަކަ ނުދެއްކުމަށާއި، ތިމާޔާ ގުޅުމެއް ނުވާ ކަންތައްތަކުގެ ތެރެޔަށް ވަދެ ނޫޅުމަށް ވެސް ވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿مَا يَلْفِظُ مِنْ قَوْلٍ إِلا لَدَيْهِ رَقِيبٌ عَتِيدٌ﴾ (ق: ١٨) މާނައީ: “ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ މަލާއިކަތުން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ.”
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ” (متفق عليه) މާނައީ: “ﷲ އަށް އީމާންވެ، އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ ދުލުން ހެޔޮ އެއްޗެއް މެނުވީ ނުބުނާށެވެ. ހެޔޮ ބަހެއް ބުނެވެން ނެތީވިއްޔާ ހަނު ހުންނާށެވެ.”
الْإِمَام الشَّافِعِي رحمه الله ވިދާޅުވެފައި ވެއެވެ. “ވާހަކަ ދައްކަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ ވިސްނައިލާށެވެ. އެ ވާހަކައަކީ ގެއްލުންދެނިވި ބަސްތަކެއް ނޫން ނަމަ އެ ވާހަކަ ދައްކާށެވެ. އެ ބަސްތަކުން ގެއްލުމެއް ލިބޭނެކަމުގައި ފެނިއްޖެ ނަމަ، ނުވަތަ ގެއްލުމެއް ލިބިދާނެހެން ހީވެއްޖެ ނަމަވެސް އެ ވާހަކަ ނުދައްކާށެވެ.”
ދޫ ރައްކާތެރި ކުރުމަށް އިސްލާމްދީނުގައި ނުހަނު ބާރު އަޅުއްވައެވެ. ދޫރައްކާތެރި ކުރުމަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިއްބައިދޭ ކަމެކެވެ.
މީސްތަކުން އެންމެ ގިނައިން މޫނުވަތަށް ނަރަކަޔަށް ވައްޓައިލެވެނީ އެ މީހުންގެ ދުލުން ބުނެއުޅޭ ބަސްތަކުގެ ސަބަބުންނެވެ. ހަމައެފަދައިން އެ މީހެއްގެ ދުލާއި ޖިންސީ ގުނަވަން ރައްކާތެރިކޮށް ބޭއްވޭނޭ ކަމުގެ ޔަޤީންކަންދީފި މީހަކު ސުވަރުގެ ވަދެވޭނޭ ކަމުގެ ޖާމިނުކަން، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ދެއްވާފައެވެ.
ނޯޓް : މިއީ هــ ۱٤٤۳ އަހަރު مُحِرَّم މަހުގެ 26 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 35 ވަނަ ޢަދަދުގެ 2 ވަނަ ޞަފްޙާގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


