ތަޢުލީމަށް ކޮކަޑިލަނީ ދުނިޔެއަށް ކަނުލޯތްބެއް ޖެހުމުންނެވެ.

ފަހުގެ ދީން

ދުނިޔެއަށް ކަނުލޯތްބެއް ޖެހިފައިތިބި ބައެއްގެ އަތް މައްޗަށް ވެރިކަމެއް އަރައިފިއްޔާ އެންމެ ފުރަތަމަ ކޮކަޑިލާނީ ތަޢުލީމަށެވެ.” މިއީ ދިވެހިރާއްޖޭގެ ފުރަމާލޭގައި، 9 ޖުމާދަލްއާޚިރާ 1333 ވީ ހުކުރު ދުވަހު، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް “އައްޝައިޚް ޢުމަރު ޢީސާ” ވިދާޅުވެފައިވާ ޙިކުމަތްތެރި ބަސްފުޅެކެވެ.

އައްޝައިޚް ޢުމަރު ޢީސާއަކީ ޢަރަބި ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރިއެކެވެ. މުދައްރިސެކެވެ. ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވި ޚިދުމަތްތެރިއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބޭފުޅާގެ ޢިބުރަތްތެރި ބަސްފުޅުން މުރާދު ކުރައްވަނީ އިސްލާމީ ތަޢުލީމެވެ. އެކަން އެނގެނީ ދުނިޔެއަށް ކަނުލޯތްބެއް ޖެހުން ކަމަށް ކުރައްވާފައިވާ އިޝާރާތުންނެވެ. އިސްލާމްދީން އަބަދުވެސް ކިޔައިދެނީ ދުނިޔެއަކީ ތާއަބަދު އިންސާނާ އުޅެން އޮތް ތަނެއް ނޫންކަމާ، އެ ތަނަށް މާ ވަރުގަދަ ލޯތްބެއް ނުޖެހުމަށެވެ. ދިރިއުޅުމަށް ބޭނުންވާ މިންވަރު މެނުވީ އެ ތަނުން ނުހޯދުމަށެވެ. އިސްލާމީ ޙަޟާރަތްތަކުގެ ޘަޤާފަތް ވެސް ބިނާވެފައި އޮތީ މި ފަލްސަފާގެ މަތީގައެވެ.

މިއަދު ދުނިޔޭގެ ބާރާއި ވެރިކަން ހޯދަން މަސައްކަތް ކުރާ ފަރާތްތަކުން، ކުރާ އެންމެ ނޭދެވޭ ޢަމަލަކީ ޤައުމުތަކުގެ މިނިވަންކަމާއި އަމާންކަމާއި އިސްތިޤްލާލު ގެއްލުވާލުމެވެ. ބަވަނަކުރުމުގެ ނަމުގައި އެންމެ ބޮޑަށް ކުޅެނީ އެ ޤައުމުތަކުގެ ތަޢުލީމީ މަންހަޖުތަކާއެވެ.

ޤައުމެއްގެ އަފުރާދުން އެ ކަމެއްގެ މައްޗަށް އެކުވެރިވެ އެއްބައިވެ އުޅޭ އަމިއްލަ ޘަޤާފަތާއި އިޢްތިޤާދީ އީމާންކަމާއި ދީނީ އަދަބު އަޚުލާޤުން އެ ޤައުމެއްގެ ޒުވާންޖީލު ބޭރުކުރުވަނީއެވެ. ހިލަމެއް ވެސް ނުވާހާ ހަމަހިމޭންކަންމަތީގައެވެ. ކޮކަޑި ކޭ މީދާ ވެސް މަރުވަނީ ކުއްލިއަކަށް ނޫނެވެ. އެއަށް ވާރޭފެން ލިބިއްޖެ ނަމަ މަރުނުވެ ގަދަވެޔޭ ބުނާ އަޑު އަހަމުތޯއެވެ؟ އެއީ ކޮކަޑީގެ ސަބަބުން އެއަށް ލިބޭ އަނިޔާއިން ސަލާމަތް ވެވޭތީއެވެ. އެހެނަސް ވާރޭފެން ނުލިބި އެހެން އޮންނަން ވެއްޖެ ނަމަ، އިސާހިތަކު އެ ސޮރު ފަހުނޭވާ ލާނެއެވެ.

މިއަދު އިސްލާމީ އުންމަތް މި ވަނީ އެފަދަ ވާރޭފެނަކަށް ބޭނުންވެފައެވެ. މި އުންމަތުގެ ބޮޑެތިބޮޑެތި ދައުލަތްތަކުގެ ތަޢުލީމީ މަންހަޖަށް ވަނީ ކޮކަޑިލެވިފައެވެ. އިސްލާމީ ތަޢުލީމު ކިޔަވައިދޭ މަންހަޖުތަކަށް ބަދަލު ގެންނަން ޖެހޭކަން ކިޔައިދޭނެ މުސްލިމް ޅަ ސިކުނޑިތަކެއް ވަނީ އުފައްދާފައެވެ. އިސްލާމީ ޘަޤާފަތާއި، ޢަޤީދާގެ ފިލާވަޅުތަކުން މުހިއްމު ބައިތައް އުނިކުރުން އެއީ މާބޮޑު މައްސަލައެއް ނޫން ކަމަށް ވަކާލާތު ކުރެވެން ފަށައިފިއެވެ. އިޚްތިލާފީ މައްސަލަތަކާއި ފިޤްޙީ އަރާރުންވުން ތަކަށް ފޮތްފޮތުންނާއި އެ ނޫން ގޮތްގޮތުން ޖާގަ ހޯދައިދެވެނީއެވެ. ދުނިޔެއަށް ކަނުލޯތްބެއް ޖައްސާ އިސްލާމީ އުންމަތް އެކީއެކަށް ބަލިކުރުވައިފިއެވެ.

އޭ އަޚުންނޭވެ! މުސްލިމުން ހޭއަރަން ވެއްޖެއެވެ. ވާރޭފެނުން މުޅި އުންމަތައް ފަރުވާކުރުން ލަސްވެއްޖެއެވެ.

ނޯޓް : މިއީ هــ ۱٤٤۳ އަހަރު صَفَر މަހުގެ 3 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 36 ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ