އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ ޏ.ފުވައްމުލައް، ކަރިއްޔާވިލާ މުޙައްމަދު އަމީންގެ މައްޗަށް ހައިކޯޓުން މޮނިކޮން ޢަމުރެއް ނެރެފިއެވެ.
އަމީންގެ މައްޗަށް ނެރުނު ޢަމުރުގައިވާ ގޮތުން އޭނާއަށް ހަވީރު 18:00 އިން ފެށިގެން ހެނދުނު 06:00 އަށް ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ. ހަމައެހެންމެ ފުލުހުންގެ ހުއްދައެއްނެތި އޭނާއަށް މާލެއިން ފުރައިގެން ވެސް ނުދެވޭނެއެވެ.
މޮނިކޮން ޢަމުރަކީ ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތުކުރެވޭ މީހުންގެތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން މޮނިޓަރކުރަން ނެރޭ ޢަމުރެކެވެ.
އަމީންގެ މައްޗަށް މޮނިކޮން ޢަމުރު ނެރެފައިވާއިރު، މި ވަގުތު މޮނިކޮން ޢަމުރު ނެރެފައިވަނީ ކިތައް މީހުންނަށްކަމެއް ސާފެއްނޫނެވެ.
ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކަށާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އެހީތެރިވާކަމުގެ ތުހުމަތުކުރެވިފައިވާ އަމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ބާތިލުކޮށް، އޭނާ ދޫކޮށްލަން ހައިކޯޓުން ޙުކުމްކުރީ މި މަހުގެ 16 ގައެވެ.
އަމީންގެ މައްޗަށް އުފުލީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިސްޓް ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެެވެ.
ހައިކޯޓުން މި ދެ ދަޢުވާ ބާތިލްކޮށްފައިވަނީ އަމީންގެ މައްޗަށް ދަޢުވާކުރީ ދަޢުވާކުރަންޖެހޭ މުއްދަތު ފަހަނައަޅައިދިޔަ ފަހުން ކަމަށް ބުނެފައެވެ. އެ ގޮތުން ޕީޖީން ވަނީ މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައެވެ.


