ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ފުރައިގެންދިޔައީ ވީއައިޕީ ލޯންޖުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ފަށާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމާއެކު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އޭނާ ރާއްޖެއިން ބޭރަށް ފުރުމަށް ޕީޖީ އޮފީހުން އިއުތިރާޒު ނުކުރައްވާ ކަމަށާއި އެގޮތުން އޭނާ ފުރަން ބޭނުންވީ އޮކްޓޫބަރުގައި ކަމަށެވެ. އަދި ޕީޖީން އެދުނީ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު ޓްރެވެލް ޑޮކިއުމެންޓެއްގައި ފުރަން ކަމަށާއި ނަމަވެސް އެއްވެސް އެއްޗެއް ސާބިތު ނުވަނީސް ޓްރެވެލް ޑޮކިއުމެންޓެއްގައި ފުރަން ބޭނުން ނުވާ ކަމަށްވެސް އަލީ ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގެރޭ އޭނާ މެއިލް އެޑްރެސް އަށް ލިބުނު ކަމަށާއި އޭނާ ރާއްޖެއިން ފުރީ އަމުރު ނެރުމުގެ ކުރިން ނޫން ކަމަށެވެ. އަދި އެރެއިން އެރެޔަށް ފުރަންޖެހޭނެ ކަމަށް ބުނެ ފޯނު ކޯލެއް ލިބުނު ކަމަށާއި އެހެން ނޫނީ ޖެހިގެން އަންނަ ދުވަހު ބަންދުކުރާނެ ކަމަށްވެސް ބުނެފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.
އެގޮތުން އެރޭ ފުރަން އެންމެފަހުން އޮތީ ފްލައި ދުބާއީ އާއި ޓާކިޝް އެއާލައިންސް ކަމަށާއި އެގޮތުން ފުރަން އެއާޕޯޓަށް ދެވުނު ވަގުތު ލަސްވުމުން އޭނާ ފުރީ އާންމުކޮށް މީހުން ފުރާ ރޫޓުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
“ވީއައިޕީން އަޅުގަނޑު ފުރައިގެން އައީ. ވީއައިޕީގެ ސީސީޓީވީ ކެމެރާތަކުން މި ފެންނާނެ” އަލީ ވިދާޅުވިއެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕީޖީ ޝަމީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ޓްވީޓުތައް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.


