އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ބަދަލުވެލެއްވީ ޑިފެންސް މިނިސްޓަރުކަމުގެ ދައުވަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވުމުންކަމަށާއި ޓޫރިޒަމް މިނިސްޓަރުކަން ލިބުންވީ ގަބޫލުކުރަން ދަތިކަމަކަށްކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އޭނާ ރާއްޖެއަށް ވަޑައިގަތީ، ޑިފެންސް މިނިސްޓަރުކަން ދެއްވާނެކަމަށް ރައީސް ވިދާޅުވުމުންކަމަށާއ ޓޫރިޒަމް މިނިސްޓަރަކަށް އޭނާ އައްޔަން ކުރާކަން އެނގުނީ ރައީސް ހުވާ ކުރެއްވި ދުވަހުގައިކަމަށެވެ. އަލީ ވިދާޅުވި ިއަދި ޓޫރިޒަމް ދާއިރާއަކީ އޭނާއަށް ވަރަށް އާ ދާއިރާއެއް ކަމަށާއި އެ ދާއިރާގެ އެއްވެސް ތަޖުރިބާއެއްވެސް ލިބިފައިނުވާކަމަށެވެ.
އަލީ ވިދާޅުވީ ރައީސް ޞާލިހު މިވަގުތު ޑިފެންސް މިނިސްޓަރުކަން ދެވެން ނެތްކަމަށާއި ޓޫރިޒަމް ދާއިރާއަކީވެސް ވަރަށް މުހިއްމު ދާއިރާއެއްކަމަށާއި އަލީ ވަހީދަށް ފުރިހަމަ އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި ރައީސްގެ އެ ދައުވަތު ގަބޫލުކުރެއްވީކަމަށާއި އިހުލާސްތެރިކަމާއި އެކު އެ މަގާމު އަދާކުރެއްވިކަމަށެވެ.
މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ ހުވާ ކުރެއްވި ދުވަހު ގަލޮޅުދަނޑަށް އޭނާ ވަޑައިގެން އެންމެ ފުރަތަމަ އިންނަން ހަމަޖެހިފައިވީ އާންމުން އިށީންދެ އިން ގޮނޑިބަރީގައި ކަމަށާއި ކެބިނެޓްގެ ބޭފުޅުން އިންނަވާ ގޮނޑިބަރިއަށް އެމަނިކުފާނު ބަދަލު ކުރެއްވިއޭގެ ފަހުގައިކަމަށެވެ.


