ކީރިތި ޤުރްއާނަށް ލޯބިކުރުމީ އީމާންކަމުގެ ޢަލާމާތެކެވެ.

ފަހުގެ ދީން

ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. އިލާހީ ރިސާލަތުގެ ގޮތުގައި ބިމަށް ފޮނުވުނު އެންމެ ފަހުގެ ދުސްތޫރެވެ. އިންސާނިއްޔަތަށް ބޭނުންވާ އަމާންކަމާއި ޞުލްޙަ މަސަލަސްކަމަށް އެ ފޮތް މަގުދައްކައެވެ. މުއުމިނުންނަށް ޓަކައި އޭގައި ޝިފާއެއް ވެއެވެ. އެހެންކަމުން ކީރިތި ޤުރްއާނަށް ލޯބިކުރުމީ އީމާންކަމުގެ ޢަލާމާތެކެވެ. އަދި އެ ފޮތަށް ރުޅިއެރުމީ ކާފިރުކަމެވެ.

ކީރިތި ޤުރްއާން ކިޔެވޭ ހިނދު ކަނުލާ އަޑު އެހުމަކީ، އޭގެ ސަބަބުން އެ މީހަކަށް މާތް ﷲ ރަޙުމަތްލައްވާނެ ކަމެކެވެ. ޢަރަބިބަސް ނޭނގުމުގެ ސަބަބުން ކިޔެވޭ އާޔަތްތަކުގެ މާނަ ނޭނގުނު ކަމުގައި ވިޔަސް މެއެވެ. ﴿وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾ ‎(الأعراف: ٢٠٤)‏ މާނައީ: “އަދި ޤުރްއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށް ޓަކައެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކީރިތި ޤުރްއާނަކީ މާޒީވެދިޔަ ޒަމާންތަކުގެ ވާހަކަ އެންމެ ޞައްޙަ ގޮތުގައި ކިޔައިދޭ ފޮތެވެ. ﴿نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ﴾ ‎(يوسف: ٣)‏ މާނައީ: “އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ.” އޭގެ ސަބަބުން އީމާންކަމުގެ ހިތްތަކަށް ތާޒާކަން ގެނުވައެވެ. ވިސްނާ މީހުނަށް މަންފާދެނިވި ޢިބުރަތްތެރި ފިލާވަޅުތަކެއް ކިޔައިދެއެވެ.

ކީރިތި ޤުރްއާނުގެ އެންމެ ހިތްގައިމު ކަމަކީ އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް އަޖުރު ލިބޭ ގޮތަށް އޮންނަ އޮތުމެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ނިޔަތުގައި ކިޔަވައިފި ކޮންމެ އަކުރަކަށް 10 ސަވާބު އެ މީހެއްގެ ޢަމަލުނާމާގައި ލިޔުއްވާނެކަމަށް ޞައްޙަ ޙަދީޘްގައި ވެއެވެ. ”ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހާއަށް ވެސް ހެޔޮކަމެއް ވެއެވެ. ކޮންމެ ހެޔޮކަމެއް އޭގެ ދިހަ ހެޔޮކަން ފަދައެވެ. “الـم” އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެނަސް ”ا“ އަކީ އަކުރެކެވެ. ”ل“ އަކީ އަކުރެކެވެ. އަދި ”م“ އަކީ ވެސް އަކުރެކެވެ.“ (رواه الترمذي وصححه الألباني)

ޤުރްއާން ކިޔެވުމުގެ ދަރުމަ އާއި ސަވާބުގެ ގިނަކަން ނިކަން ދެކޭށެވެ! މުއުމިނު އަޅާއަށް ދަރުމައާއި އަޖުރު ފަސޭހައިން ލިބޭނެ މަގެއް ﷲ މި ވަނީ ލައްވާފައެވެ. ޤުރްއާނާ ކައިރިވެ އުޅުނު ވަރަކަށް އޭނާގެ އީމާންތެރިކަން ތާޒާ ވެއެވެ. އަދި ޤުރްއާނާއި ދުރުވެ އޭގެ ޙުކުމްތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ތިބާގެ ހަވާނަފުސު އެއީ އިލާހު ކަމުގައި ހިފައިފި މީހާގެ ޝަކުވާ ﷲ ގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހުން ކީރިތި ރަސޫލާ ކުރައްވާނެތެވެ. ﴿وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا﴾ ‎(الفرقان: ٣٠) މާނައީ: “ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެ މީހުން، މި ޤުރްއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ.” އަޅަމެންނަކީ އެފަދަ ޝަކުވާއެއް ރައްދުވާ ބަޔަކަމުގައި ނުލައްވާނދޭވެ!

ނޯޓް: މިއީ هــ ۱٤٤۳ އަހަރު صَفَر މަހުގެ 10 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 37 ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ