ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނަންގަވައިގެން ހުންނެވި ބޭފުޅެއްކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފިއެވެ.
އިނގިރޭސި ވިލާތުގައި މި ވަގުތު ހުންނެވި ޢަލީ ވަޙީދު އޮންލައިންކޮށް ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކަށް އޭރު ހުންނެވި ރައީސް ޞާލިޙް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެތެރެއިން 35 މިލިއަން ނެންގެވި ކަމަށެވެ.
ހަމައެހެންމެ ރައީސް ޞާލިޙް ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފުލެޓުގައި ކަމަށާއި، ފައިސާ ހަވާލުކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ކަމަށް ވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.
”ކަޅު ދަބަސް އުފުލި ރައީސް ޞާލިޙު ވެސް. އެ ވީޑީއޯތައް ވެސް ހުންނާނެ. ތަޙްޤީޤީ ބަޔާނުގައި ވެސް އެ ވާހަކަތައް ހުންނާނެ. ޕޮލިސް ރިކޯޑިންގ އެ އެއްޗެހި ފޮހެލީ މުޙައްމަދު ރިޔާޟް.“ ޢަލީ ވަޙީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ”ދައުރު“ ނޫހަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިއަދު ވިދާޅުވީ އެފަދަ އެއްވެސްކަމެއްގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފައިނުވާ ކަމަށެވެ. ހަމައެހެންމެ ޢަލީ ވަޙީދު ދެއްކެވީ ޙަޤީޤަތެއް، ހެއްކެއް ނެތް ވާހަކަތަކެއް ކަމަށާއި، ހެކި ހުރިއްޔާ ޢާންމުކުރަންވީ ކަމަށެވެ.
މީގެތެރެއިން ވަނީ ޢަލީ ވަޙީދު އަތުގައި ރައީސް ޞާލިޙްގެ ކޮންފިޑެންޝަލް ލިޔުންތަކެއް ހުރިކަމަށް އަޑު ފެތުރިފައެވެ. ނަމަވެސް ރައީސް ޞާލިޙް ވަނީ، އެ މަނިކުފާނު ކޮމްޕްރޮމައިޒްވާ ކަހަލަ އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތަކު ނޯންނާނެކަމަށް ވިދާޅުވެފައެވެ.


