ސ އަތޮޅު ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި މިނުގައި ކުރިއަށް ދާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެކުންފުނިން ބުނީމ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް 21 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށެވެ.
އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 56 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައި ވާކަމަށާއި، ތާވަލާއި އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


