ކ. ގާދިއްފުއްޓާއި ތ. ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ބުރުނީ ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 28.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ޖުމުލަ 369 މީޓަރުގެ ބްރޭކްވޯޓާތަކާއި 220 މީޓަރުގެ ރިވެޓްމަންޓް ގާއިމުކޮށް ބީޗް ރިޕްލެނިޝްކުރުން ހިމެނެ އެވެ.
މި މަޝްރޫއުގެ މުއްދަތަކީ އަށް މަސް ދުވަހެވެ.
ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން 500 މީޓަރުގެ ރިވެޓްމަންޓަކާއި 15 މީޓަރުގެ ގްރޮއިންއެއް ގާއިމުކޮށް، ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ.
މި މަޝްރޫއުގެ މުއްދަތަކީ ހަ މަސް ދުވަހެވެ.


