ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّم އަށް ޞަލަވާތް ކިޔުމަކީ މާތް މަތިވެރި އަޅުކަމެކެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމަށް އެންމެހައި މުއުމިނުންނަށް އަމުރުކުރައްވާ ﷲ سيحانه وتعالى ވަޙީކުރައްވާފައިވެއެވެ: “ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!”(الأحزاب: ٥٦)
ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އަށް ޞަލަވާތް ކިޔުމުގައި އެންމެ މޮޅުއިތުރު ގޮތަކީ އިބްރާހީމީ ޞަލަވާތް ކިޔުމެވެ. އެއީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އުނގަންނަވައި ދެއްވި ޞަލަވާތެވެ. އަދި އެއީ ނަމާދުގެ ފަހު އައްތަޙިއްޔާތުގައި އަޅުގަނޑުމެން މި ކިޔާ ޞަލަވާތެވެ. ނަމަވަސް (اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّد) މިފަދައިން އެކަލޭގެފާނަށް ޞަލަވާތް ކިޔެވި ނަމަވެސް ފުދެއެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ނަންފުޅުގަނެވޭ ހިނދު، އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔާ މިހާ ގެއްލި ހަލާކުވެގެންވާ ކަމަށް އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅު އަޑު އިވުމުން ޞަލަވާތް ނުކިޔާ މީހަކީ ދަހި މީހެއް ކަމުގައި އެކަލޭގެފަނު ވަނީ ސިފަކުރައްވާފައެވެ. މިފަދަ ޙަދީޘްފުޅުތަކުގެ އަލީގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ނަންފުޅު އަޑު އިވުމުން ޞަލަވާތް ކިޔުމަކީ ވާޖިބެއް ކަމުގައި އައްޝެއިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.
ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ މައްޗަށް ޞަލަވާތް ކިޔުން ގިނަ ކުރުމަކީ އަޅާއަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލްކޮށްދޭނޭ ޢަމަލެކެވެ. އެ ގޮތުން އެކަލޭގެފާނުގެ މައްޗައް އެއް ފަހަރު ޞަލަވާތް ކިޔައިފި މީހާގެ މައްޗަށް މާތް ﷲ ދިހަ ފަހަރު ރަޙުމަތް ލައްވާނެތެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުމަކީ ދަތި އުނދަގޫތައް ފިއްލެވުމަށާއި ފާފާ ފުއްސެއްވުމަށް އޮތް މަގެކެވެ. އަދި ދުޢާ ކުރުމުގެ ކުރީގައްޔާއި އަދި ފަހުގައި ޞަލަވާތް ކިޔުމަކީ ދުޢާ އިޖަބާކުރައްވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިން އަދަބެކެވެ.
ޤިޔާމަތް ދުވަހު އެކަލޭގެފާނާއި އެންމެ އަރިސް ބަޔަކީ މީސްތަކުންކުރެ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުން އެންމެ ގިނަ މީހުންނެވެ. އަދި ބަންގީގެ އަޑު އިވުމުން ޞަލަވާތް ކިޔެވުމަށް ފަހު ބަންގިދުޢާ ކިޔުމަކީ ޤިޔާމަތް ދުވަހުގައި މުޢުމިނު އަޅާއަށް އެކަލޭގެފާނުގެ ޝަފާޢަތް ލިއްބައިދޭނެ ޢަމަލެކެވެ.
ވަކިން ޚާއްސަކޮށް ހުކުރު ދުވަހު ޞަލާވަތް ކިޔުން އިތުރު ކުރުމަށް އެކަލޭގެފާނު ވަނީ އިރުޝާދު ދެއްވަވާފައެވެ. އެހެންކަމުން ހުކުރު ދުވަހު އެކަލޭގެފާނަށް ޞަލަވާތް ކިޔުން ގިނަ ކުރުން މޮޅު އިތުރުވެގެންވެއެވެ. އަދި ކޮންމެ ތަނެއްގައި ވީ ނަމަވެސް އަޅުގަނޑުމެންގެ ޞަލަވާތް އެކަލޭގެފާނަށް ރައްދުކުރެވޭނެކަން ވެސް އެކަލޭގެފާނު ވަނީ ބަޔާންކޮށްދެއްވާފައެވެ. اللَّهُمَّ صَلِّ عَلَى مُحَمَّد وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن
ނޯޓް: މިއީ هــ ۱٤٤۳ އަހަރު صَفَر މަހުގެ 10ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 37 ވަނަ ޢަދަދުގެ 3 ވަނަ ޞަފްޙާގައި جَعْفَر مُحَمَّد عُثْمَان ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


