އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 09:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާއި ހަމައަށެވެ.
މި އިންތިޚާބުގައި ޕްރޮވިންސްތަކާއި، ދާއިރާތަކަށް 455 ބޭފުޅުން އިންތިޚާބުކުރަން ހަމަޖެހިފައިވާއިރު، ވޯޓުލުމުގެ ކުރިން 165 ކެންޑިޑޭޓުން ވަނީ އިންތިޚާބުވެފައެވެ. އެެއީ ބައެއް ދާއިރާތަކުގެ މަޤާމުތަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމަށްވާތީއެވެ.
އިންތިޚާބު ފެށިފައިވާއިރު، ވޯޓުލުން މިއަދު ކުރިއަށް ނުދާނީ ހަމައެކަނި ތ.ގުރައިދޫ ދާއިރާގައެވެ. ސަބަބަކީ އެ ދާއިރާގެ ބައެއް ރަށްރަށުގެ ކޮވިޑުގެ ހާލަތު ގޯސްވުމުންނެވެ. އެމްޑީޕީން ވަނީ އެ ދާއިރާގެ ވޯޓުލުން ބާއްވާނެ ދުވަހެއް ފަހުން އިއުލާނުކުރާނެކަމަށް ބުނެފައެވެ.


