ގޯސްމަގުން ދާ ކުއްޖާ އެއީ ކޮންމެސް މީހެއްގެ ދަރިއެކެވެ.

ފަހުގެ ދީން

ދަރިންގެ މަޞްލަޙަތު ބެލެހެއްޓުން އެއީ ބަފައިންގެ ޒިންމާއެކެވެ. މިއަދުގެ ޒުވާން ފިރިހެނުން ބައްޕައެއްގެ ޒިންމާ ނަގަން ފަސްޖެހުމުގެ ނަތީޖާއަކީ ދަރިންތަކެއް ރަށްމެދަށް އިތުރުވުމެވެ.

އެފަދަ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ރަނގަޅު ތަޢުލީމެއް ދީ، އެ ކުދިންގެ ހާޖަތްތައް އެންމެ ފުރިހަމަ ގޮތުގައި ހަމަޖައްސައި ދެވޭތޯ ދައުލަތުގެ ފަރާތުން އަބަދުވެސް ބައްލަވައެވެ. ދައުލަތުން ކިތަންމެ މަސައްކަތެއް ކުރެއްވިއަސް މަންމައަކާއި ބައްޕައެއްގެ ފަރާތުން ނޫނީ ދަރިއަކަށް ނުލިބޭނެ ލޯތްބާއި ކުލުނާއި އަޅާލުމާއި މައިވަންތަ ތަރުބިއްޔަތު ދޭނީ ކިހިނަކުންތޯއެވެ؟

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މައިވަންތަ ލޯތްބާއި، ބަފައިވަންތަ ކުލުނަކީ ޖިސްމާއި ރޫޙާއި، ފުރާނަ އެކުވެގެން އުފެދޭ، ލޭގެ ގުޅުމަކުން ނުކުންނަ މައުނަވީ ޖަޒުބާތުތަކެކެވެ. މަޞްނޫޢީ ގޮތެއްގައި އުފެއްދޭނެ ކަންކަމެއް ނޫނެވެ. ހަމައެކަނި މާއްދިއްޔަތުގެ ތެރޭ އިންސާނުންތަކެއް ހެދިބޮޑުވާން ވެއްޖެ ނަމަ، ނުފެށި ނުދާނޭ އިޖްތިމާއީ އެތައް ކާރިޘާއެއް މިއަދު ދިވެހިރާއްޖެއިން ވެސް މި ވަނީ ފެންނަން ފަށާފައެވެ. ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންދޭ ޒަލްޒަލާތައް، ބާލިޣުނުވާ ކުޑަކުދިންގެ ކިބައިން ކުރިމަތި ވާ ކަމީ ބޮޑު ހިތާމައެކެވެ.

ކުޑަކުދިން ހައްޔަރުކޮށް އަދަބު ދިނުމަށްވުރެ އެ ކުދިން ހިތްތިރިކޮށް އަދަބުވެރި ކުރުވުން މާ ހެޔޮކަން ބޮޑެވެ. އަޚްލާޤީ ފޭރާމުން ޒީނަތްތެރި ކުރުވުން މާ އައުލާވެގެން ވެއެވެ. އޭގެ ސަބަބުން ލަދުވެތިކަމާއި ކިޔަމަންތެރިކަމާއި، މުރޫއަތްތެރިކަން އެ ކުދިންގެ ކިބައިގައި އަށަގެންނެވޭނެއެވެ. ލަދުވެތިކަމެއް ނެތިއްޖެ ނަމަ މުޖްތަމަޢުތެރޭ އެ ކުދިން ހިތުހުރި ގޮތްގޮތަށް އުޅެން ފަށާފާނެއެވެ. ފުރާޅުފުރާޅަށް އަރައި، ގެދޮރާދޮރޯއްޓަށް ގެއްލުންދީ އުޅޭނެއެވެ. ހަރުމުދަލަށް އިހުތިރާމެއް ނުކޮށް ހުޅުޖަހާ ރޯކޮށްލަން ވެސް ފަހެއް ނުޖެހޭނެއެވެ. އެ ކުދިންގެ ފަރާތުން މުޖްތަމަޢަށް ފައިދާއެއް ކުރުމުގެ ބަދަލުގައި މުޅިން ވެސް ލިބޭނީ ގެއްލުމެވެ.

ރަށްމެދަށް ދޫވާ ކޮންމެ ކުއްޖަކީ ވެސް ކޮންމެވެސް ފިރިހެނެއްގެ އިހުމާލުން ދޫވެފައިވާ ކުއްޖެކެވެ. އިސްލާމީ އިންތަކާއި މިންތައް ފަހަނަޅާގޮސް، ކާވެނީގެ ބޭރުން އިންސާނުން ހިންގި ޖަރީމާއެކެވެ. ބިރަކާނުލާ، މަޖާކޮށް ހޯދައިގަތް އުފަލެކެވެ. މުޅި ދުނިޔެއަށް ފޮރުވިފައި އޮތަސް އެކަމެއް ކުރި މީހަކަށް އެއީ އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ. އެ މީހަކު ޒިންމާ ނުނަގައި ދޫކޮށްލި އަނިޔާއަށް އޭނާ ޖަވާބުދާރީ ވާން ޖެހޭނޭ ދުވަހެއް އަންނާނެއެވެ. ހުރިހާ ޢަމަލެއް އޭގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ކޮންމެ މީހެއްގެ ކުރިމަށްޗަށް ޙާޟިރު ކުރެވޭނެއެވެ. އިންކާރު ކުރާނެ އެއްވެސް ޖާގައެއް ނޯންނާނެއެވެ.

ތިބާގެ އިހުމާލުން ދުނިޔޭގެ ބުރަކަށިމަތީ ފާފަ ކުރާނެ ބަޔަކު އުފަން ނުކުރުވާށެވެ. އިސްލާމީ ޙުދޫދުތަކުގެ ތެރެއަށް ވަންނާށެވެ. ރަށްމެދަށް ކުދިން ގިނަ ނުކުރާށެވެ! ފިސާރި ކެރިގެން ކާވެނީގެ ތެރެއިން ދަރިން ހޯދާށެވެ. ދަރިންގެ ޒިންމާ ފުރިހަމައަށް އަދާކުރާށެވެ.

ނޯޓް: މިއީ هــ ۱٤٤۳ އަހަރު صَفَر މަހުގެ 17 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 38 ވަނަ ޢަދަދުގެ ފުރަތަމަ ޞަފްޙާގައި الشيخ محمد أفضل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ