ގެސްޓްހައުސް ވިޔަފާރިއަށް ހަނިމާދޫ ރަށްވެހިގެ 25 އަހަރަށް ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ހަނިމާދޫ ކައުންސިލުން މާދެމާއަށް ތާވާލު ކޮށްފިއެވެ.
ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލުސާގެ އެޖެންޑާގައި ރިޔާސަތުން ހުސައަޅާ މައްސަލައެއްގެ ގޮތުގައި ރަށްވެހިގެ ޓުއަރިސްޓް ގެސްޓްހައުސް ގޮތުގައި ހިންގުމަށް 25 އަހަރަށް ދިނުމާބެހޭ ގޮތުން މަސްވަރާ ކުރުން ހިމެނާފައިވެއެވެ.
މީގެ އަހަރުތަކެއް ކުރިންވެސް ވަނީ އެތަން މި ގޮތަށް ދޫކޮށްފައެވެ. އެފަހަރުވެސް އެދެވޭ ގޮތަށް އެތަން ހިންގިފައިނުވާއިރު، އެފަހަރު އެތަން ނެގީ އެތަން ހިންގިފަރާތުން އެގްރިމެންޓާ ހިލާފުވެގެން ހަނިމާދޫ ކައުންސިލުން ކޯޓަށް ގޮސްގެންނެވެ. އަދި އޭގެފަހުން އެތަނުން މަންފާއެއް ލިބުނުތޯ ސުވާލުކޮށްލުން ރަނގަޅެވެ. އަދި ތަނުގެ ހާލަތު އޮތީ ކިހިނެއްތޯވެސް މެއެވެ.
ސުވާލަކީ މިފަހަރު ވެސް ބަޔަކަށް މަންފާއެއް ހޯދައިދިނުމަށް ފޫގަޅާ ރަށްވެހިގޭ ކުއްޔަށްދެނީ ނޫންބާއެވެ؟ މިތަނުގެ ބޭނުން މިއަށްވުރެ ފައިދާކުރުވަނިވި ގޮތަކަށް ނުކުރެވޭނެ ހެއްޔެވެ؟ ރަސްމީ ކަމެއްގައިވެސް ބޭނުންކޮށްލާނެ ތަނެއް އެބަ ހުރިހެއްޔެވެ؟ ހަނިމާދޫ ރައްޔިތުންނަށާއި ރަށަށް ފައިދާއެއް ނުވާގޮތަށް ނުއަގުގައި ހަނިމާދޫ އުތުރުކޮޅު ވިއްކާލި ވިއްކާލުން ތަކުރާރުވަނީބާއެވެ.
މީގެ އިތުރުން މާދެމާގެ ޖަލުސާގައި ދެން ވެސް އޮތީ ރައީސް ހުސައަޅާ ދެ މައްސަލައެވެ. އެއީ ސްކޭޑް ބޯޑު ދުއްވާނެ ތަނެއް އެޅުމާއި، އެއްގަމު ލައިސަންސް ނަގާނެ ތަނެން ހެދުމާ ބެހޭ ގޮތުން މަސްވަރާކޮށް ގޮތެއް ނިންމުމެވެ.


