އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާނެ އެއް ޕްރޮޖެކްޓަކީ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓް ކަމަށް ކަނޑައަޅައިފި އެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ވަނީ ނިންމާފައެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް “މިހާރު” އަށް މައުލޫމާތު ދެމުން ބުނީ ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ ކަމަށެވެ. އެއީ އިންޑިއާ ސަރުކާރުގެ އެެއާޕޯޓްތައް ޑިޒައިންކުރާ ކުންފުންޏެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ އެކު ކޮންސަލްޓެންޓުން ރާއްޖެ އަށް އަންނާނެ އެވެ.
އިންޑިއާ އާއި ރާއްޖެއިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.


